Last Updated: April 26, 06:56
Friday, April 26, 2024
ރިޕޯޓް

ގޭގައި އަންހެނުން ނަމާދު ކުރާ އިރު ޤަމަތް ދޭން ޖެހޭނެތަ؟

ގޭގައި އަންހެނުން ނަމާދުކުރާއިރު ޤަމަތް ދޭން ޖެހޭނެ ހެއްޔެވެ؟ އަދި ގޭގައި ނަމާދުކުރާއިރު ބާރަށް ސޫރަތް ކިޔެވުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟

ޖަވާބު: އެކަހެރިކޮށް ނުވަތަ ޖަމާޢަތާ ވަކިން ނަމާދު ކުރާމީހާގެ މައްޗަށް ބަންގިއާއި ގަމަތް ދިނުން ވާޖިބުވެގެން ނުވެއެވެ. އަދި ކިޔެއްތަ އެފަދަ މީހެއްގެ މައްޗަށް އެއީ މުސަތަޙައްބުވެގެންވާ ސުންނަތެކެވެ. ނަމަވެސް އިމާމް ޝަފިޢީ ރަޙިމަހުﷲ އަރިހުގައި އެކަން ނުކުރުމަކީ މަކްރޫހަ ކަމެކެވެ. ނަމާދު އިޢާދަކުރާކަށް ނުޖެހޭނެއެވެ. ފުރިހަމަ މުސްލިމަކަށް ވެހުރެ ފިރިހެނެއް ނަމަ ނަމާދު ޖަމާޢަތުން ފަސްވިޔަ ނުދިނުމަށް މަސައްކަތް ކުރަން ވާނެއެވެ.

ދެންފަހެ ޤަމަތް ދިނުމަށްފަހު ބަންގި ދުޢާ ނުވަތަ اللهم رب هذه الدعوة التامة …. މިދުޢާ ކިޔުމާއި މެދު އިހާއި ފަހުގެ ދަންނަ ބޭކަލުންގެ މެދުގައި ޚިޔާލު ތަފާތުވެފައި ވެއެވެ. އެއީ ( بين كل أذانين صلاة ) މިޙަދީޘްފުޅުގެ މާނަކުރެއްވުމުގައި އެބޭކަލުންގެ ވިސްނުން ފުޅު ތަފާތުވުމުންނެވެ.

އެގޮތުން އިބްނު ޙަޖަރުލް ހައިތަމީ އާއި ޚަޠީބުއްޝަރްބީނީ ފަދަ ބޭކަލުންގެ އަރިހުގައި ބަންގިއެކޭ އެއްފަދައިން ޤަމަތަށް ފަހުވެސް އެދުޢާ ކިޔުން ވެއެވެ. އަދި ފަހުގެ ދަންނަބޭކަލުންގެ ތެރެއިން ޝައިޚް އަލްބާނީ ރަޙިމަހުﷲ ވެސް ބުރަވެވަޑައިގަންނަވަނީ މިރައުޔަށެވެ. ނަމަވެސް ޢައްލާމާ އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވަނީ ގަމަތަށް ބަންގިއޭ ޢަރަބިބަހުގައި ކިޔެނީ ޣާލިބަށް ބިނާ ކޮށެވެ. ނަމަވެސް ބަންގީގެ މައްޗަށް ހިނގާ ޙުކުމްތަކެއް ގަމަތުގެ މައްޗަކަށް ނުހިނގާނެއެވެ. އެގޮތުން މިދުޢާ ކިޔުމާ ފަހަތުން ތަކުރާރު ކުރުމެއްވެސް ނުހިމެނެއެވެ. އަދި ޝައިޚުގެ އަރިހުގައި މިމައްސަލާގައި އެންމެ ރާޖިޙު ނުވަތަ އައުލާ ގޮތަކީ އެއްވެސް އެއްޗެއް ނުކިޔުމެވެ. އެހެނީ ތައުޤީފި ކަމެއްގައި ދަލީލަކުން ސާބިތުނުވާހާ ހިންދަކު ކިޔަން ނުޖެހޭނެތީއެވެ. އަދި ޢައްލާމާ ބަކުރު އަބޫޒައިދުގެ ރައުޔަކީވެސް މިއީއެވެ. ވީމާ ގަމަތަށްފަހުގައި ބަންގި ދުޢާކިޔާކަށް ނުޖެހޭނެއެވެ.

ނަމާދުގައި ބާރަށް ސޫރަތް ކިޔެވުން:

ނަމާދުގައި ކިޔާތަކެތި ތިމާއަށް އަޑުއިވޭވަރަށް، އަދި އެހެންމީހުންނަށް އުނދަގޫނުވާވަރަށް ކިޔުމަކުން މައްސަލައެއްނެތެވެ. އަދި އަޑުމަޑުކޮށް ކިޔުމަކުންވެސް މައްސަލައެއް ނެތެވެ. މިކަން ބިނާވެގެންވަނީ އެމީހެއްގެ ޙާލަތަށެވެ. ދެއްކުންތެރިކަމާއި، އެހެންމީހުންނަށް އުދަނގޫނުވާނެކަމުގެ ބިރުވެރިކަން ނެތްނަމަ ބާރަށް ކިޔުން އައުލާކަންބޮޑެވެ. މިފަދަ ބިރުވެރިކަމެއްވާނަމަ މަޑުންކިޔުން އައުލާކަންބޮޑެވެ.

 

ނޯޓް: މިއީ ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް ރާއްޖެއިސްލާމް ވެބްސައިޓްގައި އިސްވެ ބަޔާންކުރެވުނު ސުވާލަށް ދެއްވާފައިވާ ޖަވާބެވެ.