ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން ބާއްވާ 3 ވަނަ އައްޑޫ ސިޓީ ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް މި މަހު 11 ވަނަ ދުވަހު ފަށާ ގޮތަށް ނިންމައިފި އެވެ.
ސްވިމިން އެސޯސިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި މި ފެތުމުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރު މަހުގެ 11 އިން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
ހިތަދޫ ސްވިމިންގ ޓްރެކް ސަރަހައްދުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ސްކޫލްތަކުގެ ކުދިން 4 އުމުރު ފުރާއަކުން ވާދަކުރާނެއެވެ. އެއީ 12 އަހަރުން ދަށް 14 އަހަރުން ދަށް 16 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށުގެ އުމުރު ފުރާއެވެ.
މީގެ އިތުރުން ހާއްސަ ކެޓަގަރީއެއްގެ ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހުޅުވާލެވިގެން ބާއްވާ އިވެންޓެއް ވެސް އޮންނާނެ އެވެ.
މުބާރާތުގައި ފެތުންތެރިން ބައިވެރިވާނެ ބައެއް އިވެންޓުތަކުގެ ތެރޭގައި ފްރީސްޓައިލާ ބަޓަރފްލައި ސްޓްރޯކާ ބްރެސްޓް ސްޓްރޯކާ ބެކްސްޓްރޯކް ހިމެނެވެ. މި ސްޓްރޯކުތަކުގެ 25 މީޓަރާ 50 މީޓަރާ 100 މީޓަރުގެ އިވެންޓުތަށް ބޭއްވޭނެއެވެ. އަދި ޓީމު އިވެންޓްތަކުގެ އިތުރުން އިންޑިވިޖުއަލް މިޑް ރިލޭވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.