Last Updated: June 9, 10:37
Tuesday, June 9, 2026
ޚަބަރު

"މިޔަންމާއާ އެކު ވިޔަފާރި ގުޅުން ކަނޑާލުން، މިއީ ފިލްމެއް"

ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސަރުކާރުން ހިންގާ ލާއިންސާނީ އުދުވާނާއި ގުޅިގެން ރާއްޖެއިން އެގައުމާއި އެކު ވިޔަފާރި ގުޅުންތައް ކަނޑާލުމަކީ ފޮރިން މިނިސްޓްރީގެ "ފިލްމެއް" ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ނިޒާރު ވިދާޅުވެއްޖެއެވެ.

"ޤަތަރާއި އެކު ސިޔާސީ ގުޅުން މިޔަންމާ އާއި އެކު ކަނޑާލީ ވިޔަފާރި ގުޅުން. ފިލްމް ކުޅެނީ" ފޮރިން މިނިސްޓްރީ އަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ނިޒާރު ވިދާޅުވިއެވެ.

ނިޒާރުގެ އިތުރުން ވެސް ގިނަ ބަޔަކު ގެންދަނީ ޤަތަރާއި އެކު ސިޔާސީ ގުޅުން ކަނޑާލި ގޮތަށް މިޔަންމާ އާއި އެކު ސިޔާސީ ގުޅުން ކަނޑާލަން ސަރުކާރުން ފަސްޖެހެނީ ކީއްވެގެންތޯ ސުވާލު އުފައްދަމުންނެވެ.

ޤަތަރާއި އެކު ރާއްޖެއިން ސިޔާސީ ގުޅުން ކަނޑާލާފައި ވަނީ ދީނީ ގޮތުން ހަރުކަށިވެ ހައްދު ފަހަނައަޅައި ދިއުމާއި، ޓެރަރިޒަމާއި ދެކޮޅަށް ދިވެހި ސަރުކާރުން ގެންގުޅޭ ވަރުގަދަ ޤަބޫލުކުރުންތަކާއި ގުޅިގެން ކަމަށް ބުނެއެވެ.

މިޔަންމާއާއެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލުމާއެކު، ރާއްޖެއާއި އެގައުމާ ދެމެދު ވިޔަފާރީގެ ގުޅުން އޮތީ ކިހާ މިންވަރަކަށްތޯ ސިޔާސީ ފަރާތްތަކުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.

2016 ވަނަ އަހަރުގެ ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިޔަންމާ އިން ރާއްޖެ އެތެރެކޮށްފައިވަނީ ވަރަށް މަދު އަދަދެއްގެ ތަކެއްޗެވެ. އަދި އެކްސްޕޯޓަށް ބަލާއިރު، ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއިން މިޔަންމާއަށް އެއްވެސް ބާވަތެއްގެ މުދަލެއް އެކްސްޕޯޓް ކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.