Last Updated: June 9, 09:12
Tuesday, June 9, 2026
ރިޕޯޓް

މިޔަންމާއާ ސިޔާސީ ގުޅުން ކަނޑާނެ "ގަޓެއް" ނެތީތަ؟

ރައީސް އަބްދުﷲ ޔާމީން، ފޮޓޯ: ރޮއިޓާސް

ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސަރުކާރުން ހިންގާ ލާއިންސާނީ އުދުވާނާއި ގުޅިގެން ރުޅިގަދަވެފައި ތިބި ދިވެހިންގެ ހިތްތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީ އެއް ގެނެސްދިނުމުގެ ގޮތުން ދިވެހި ސަރުކާރުން މިވަނީ އެ ގައުމާއި އެކު ވިޔަފާރީގެ ގުޅުންތައް ކަނޑާލާފައެވެ.

މިޔަންމާއާއެކު އޮތް ވިޔަފާރީގެ ގުޅުން ދިވެހި ސަރުކާރުން ކަނޑާލުމަކީ ރަނގަޅު ނިންމުމެކެވެ. އެހެން ނަމަވެސް މިޔަންމާގެ އަސްކަރިއްޔާއިން ހިންގާ ޖަރީމާތައް ހުއްޓުވުމަށް ބާރު އެޅޭ ވަރުގެ ބުރަދަނެއް ހުރި ނިންމުމެއް ނޫނެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 2016 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މިޔަންމާ އިން ރާއްޖެ އެތެރެކޮށްފައިވަނީ ވަރަށް މަދު އަދަދެއްގެ ތަކެއްޗެވެ. އަދި އެކްސްޕޯޓަށް ބަލާއިރު، ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއިން މިޔަންމާއަށް އެއްވެސް ބާވަތެއްގެ މުދަލެއް އެކްސްޕޯޓް ކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

އެހެން ކަމުން ރާއްޖެއިން ވިޔަފާރީގެ ގުޅުން ކަނޑާޅުމުން އޭގެ ސަބަބުން މިޔަންމާގެ ސަރުކާރަށް އެއްވެސް ޕްރެޝަރެއް ކުރިމަތިވާނެ ހެއްޔެވެ؟

ޤަތަރާއި އެކު ސިޔާސީ ގުޅުން ކަނޑާލުން

 

ފާއިތުވި ޖޫން މަހުގެ 4 ވަނަ ދުވަހު ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް ޤަތަރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ނަން ރެޒިޑެންޓް ސަފީރު، ރާޝިދު ބިން ޝާފީ އަލް މެއްރީ އާއި ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ސިޔާސި ގުޅުން ބަދަހި ކުރުމަށާއި، އެހެނިހެން ދާއިރާތަކުން އެއްބާރުލުން އިތުރު ކުރުމަށް މަޝްވަރާކުރެއްވިއެވެ.

އެހެން ނަމަވެސް އެ މަޝްވަރާތަކަށް ފަހު 13 ގަޑިއިރު ފަހުން، ދިވެހި ސަރުކާރުން ވަނީ ޤަތަރާއި އެކު އޮތް ސިޔާސީ ގުޅުން ކަނޑާލާފައެވެ. ސަބަބެއް ކަމަށް ދިވެހި ސަރުކާރުން ބުނެފައި ވަނީ، ޢަރަބި އިސްލާމިކް އެމެރިކަން ސަމިޓުގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރެއްވުމަށް ޢަރަބި އަދި އިސްލާމީ ޤައުމުތަކުން އެއްބަސްވެފައިވާ ކަންތަކާއި ޤަތަރުން ޚިލާފުވެފައިވާ ކަމަށް ބުނެއެވެ.

ދިވެހި ސަރުކާރުން އޭރު ބުނެފައިވަނީ ގަތަރާއި އެކު ގުޅުން ކަނޑާލީ ދީނީ ގޮތުން ހަރުކަށިވެ ހައްދު ފަހަނައަޅައި ދިއުމާއި، ޓެރަރިޒަމާއި ދެކޮޅަށް ދިވެހި ސަރުކާރުން ގެންގުޅޭ ވަރުގަދަ ޤަބޫލުކުރުންތަކާއި ގުޅިގެން ކަމަށެވެ.

ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތް!؟

 

މިޔަންމާ ސަރުކާރާއި އެކު ދިވެހި ސަރުކާރުން ވިޔަފާރީގެ ގުޅުން ކަނޑާލާފައި ވަނީ ކަން ދެއްކުމުގެ ގޮތުން ކަމަށް ސިޔާސީ ފަރާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ވެސް ގެންދަނީ ބުނަމުންނެވެ. އޭގެ ސަބަބެއްގެ ގޮތުގައި އެމީހުން ބުނަމުން ގެންދަނީ، ވިޔަފާރީގެ ގޮތުން އެހާބޮޑު ގުޅުމެއް ނެތުމާއި ޤަތަރުގެ މައްސަލައިގައި ސަރުކާރުން އަމަލުކުރި ގޮތެވެ.

ޤަތަރާއި އެކު ސަރުކާރުން ސިޔާސީ ގުޅުން ކަނޑާލީ ކުއްލި ގޮތަކަށެވެ. އެކަން ވެސް ބިނާވެފައި އޮތީ ޢަރަބި ބައެއް ޤައުމުތަކުން ޤަތަރުގެ މައްޗަށް ކުރި ތުހުމަތުތަކެއްގެ މައްޗަށެވެ.

ރާއްޖެ އާއި ޤަތަރާއި ދެމެދު ވިޔަފާރީގެ ވަރުގަދަ ގުޅުންތަކެއް އޮތުމުގެ ސަބަބުން ސިޔާސީ ގުޅުން ކަނޑާލި ނަމަވެސް ޤަތަރާއި އެކު ވިޔަފާރީގެ ގުޅުން ދެމިއޮންނާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.

މިޔަންމާ އާއި ސިޔާސީ ގުޅުން ކަނޑާނުލަން ދައްކާނެ ބަހަނާއެއް ނެތް

 

ދިވެހިރާއްޖެއިން މީގެ ކުރިން ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު މިޔަންމާ ސަރުކާރާއި އެކު ސިޔާސީ ގުޅުން ކަނޑާލުމަށް އެއްވެސް ހުރަހެއް ނެތެވެ. މިޔަންމާގެ ސަރުކާރުން އެގެންދަނީ ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގެ ގޮވާލުންތަކަށް އިޖާބަ ދިނުމެއް ނެތި ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ.

އެ ޤައުމުގެ އަސްކަރިއްޔާއިން ހިންގަމުންދާ ޖަރީމާތަކަކީ، ދީނީ ގޮތުން ހައްދުފަހަނަޅައި ދިޔުމުގެ ތެރޭގައި ވެސް ހިމެނޭ ކަންކަމެވެ. މީގެ އިތުރުން އދ.ގެ އެހީއަށް ހުރަސް އެޅުން ފަދަ ކަންތައް މިޔަންމާ ސަރުކާރުން ދަނީ ކުރަމުންނެވެ.

ޢަރަބި އިސްލާމީ ގައުމުތަކުގެ މެދުގައި އުފެދުނު  ދެބަސްވުންތަކެއްގެ ތެރެއަށް އަމިއްލަ އަށް "ވަދެގަނެ" ޤަތަރާއި ސިޔާސި ގުޅުން ކަނޑާލި ގޮތަށް މިއަދު ރޮހިންޔާ މުސްލިމުންގެ ހައްގުގައި ދިވެހި ސަރުކާރުން އެ ގައުމާއި އެކު ސިޔާސީ ގުޅުން ކަނޑާލަން ޖެހެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ "ގަޓު" ކަމުގެ ވާހަކަ އެމަނިކުފާނުގެ ސަޕޯޓަރުން ދައްކަަވަމުން ގެންދަވާއިރު އެ "ގަޓު" ދައްކަވައި މިޔަންމާ އާއި އެކު ސިޔާސީ ގުޅުން ކަނޑާލަންވީއެވެ. އޭރުން އިދިކޮޅެއް އަނެއްކޮޅެއް ބެލުމެއް ނެތި ކިތަންމެ ވަރަކަށް ވެސް ރައްޔިތުން އަތް ޖަހާނެއެވެ.