ހިތުގެ އާލާސްކަންފުޅަކާއި ގުޅިގެން އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ސިއްހީ ހާލުކޮޅު އަދިވެސް ވަރަށް ސީރިއަސް ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ސަމީރު ވިދާޅުވި ގޮތުގައި ގާސިމް އިތުރު ފަރުވާ އަށް ރާއްޖެއިން ބޭރަށް ނުފޮނުވި އައިޖީއެމްއެޗުގައި އޮންނަވަން ޖެހޭތީ އެކަމާއި ގާސިމަށް ފަރުވާދެއްވާ ޑޮކްޓަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
'މިހާރު' ނޫހަށް ދެއްވި އިންޓަވިއުއެއްގައި ސަމީރު ވިދާޅުވީ ގާސިމް އޮންނެވީ ގެއަށް ދޫކޮށްލެވޭ ހާލަތެއްގައި ނޫން ކަމަށެވެ.
"ހިތުގެ އާލާސްކަންފުޅުގައި ގާސިމް އެ އޮންނެވީ ވަރަށް ބޮޑު ރިސްކެއްގައި. އެމަނިކުފާނު ދޫކޮށްލެވޭނީ އިތުރު ފަރުވާ ދެވޭނެ ފަދަ ހާލަތެއްގައި ކަމަށް ޑޮކްޓަރުން ވިދާޅުވަނީ،" އޭނާ ވިދާޅުވި އެވެ.
އައިޖީއެމް ހޮސްޕިޓަލުން ގާސިމް ބެއްލެވި، ޑޮކްޓަރ އަލީ ޝަފީގް ލަފާ ދެއްވާފައި ވަނީ ގާސިމްގެ ހިތުގެ ދެ ޓެސްޓެއް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދިއުމަށެވެ. އެހެން ނަމަވެސް ގާސިމް ބޭސްފަރުވާ އަށް ފުރުމުގެ ހުއްދަ ސަރުކާރުން މިހާތަނަށް ދީފައެއް ނުވެއެވެ.
އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނިކޮށް ގާސިމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ ގާސިމަށް ރާއްޖެ އިން ބޭރުން ފަރުވާކުރެވޭނެ އިންތިޒާމް ހަމަޖައްސަން ދައުލަތުގެ މުއައްސަސާތަކަށް އަމުރުކޮށްފައެވެ.