ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތު ބިސާމް ސަރުކާރަށް ދައްކަން ޖެހޭ ފައިސާތަކެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.
ބިސާމްގެ މައްސަލަ އޭސީސީ އަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފެވެ.
PG Bisam ah saurukaarun dhin Masters programme furihama nukoh,agreement aa ehgothah faisaa nudhakkavaa massala ACC alhugandu husha'alhaifin pic.twitter.com/rAL4BOCdcB
— Ahmed Mahloof (@AhmedMahloof) September 5, 2017
ބިސާމްގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައި ވަނީ، އެކަމަނާއަށް މާސްޓާސް ފެންވަރަށް ތައުލީމް ޙާސިލްކުރެއްވުމަށް ސަރުކާރުން ދިން ފުރުސަތު ފުރިހަމަ ނުކޮށް އެގްރިމެންޓާއި އެއްގޮތަށް ފައިސާ ދައްކަވާފައި ނުވާތީ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނަށް މަހްލޫފް ފޮނުވި ސިޓީގައި ވަރަށް ތަފްސީލުކޮށް ޕީޖީ ބިސާމްގެ ތައުލީމު ފުރިހަމަ ކުރުމަށް ސަރުކާރުން ދިން ލޯން ފައިސާއާ ބެހޭ މައުލޫމާތު ހިއްސާ ކޮށްފައިވެއެވެ.
ޕީޖީ ބިސާމް 2004 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާއި ހަމައަށް ބަންޑާރަ ނައިބުގެ އޮފީހުގެ ތަފާތު މަގާމުތައް ފުރުއްވައި މަސައްކަތް ކޮށްފައިވާ ކަމަށާއި ސަރުކާރުން ބިސާމްއަށް މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދައުލަތުގެ ޚަރަދުގައި ދީފައިވާ ކަމަށާއި ކިޔެވުމަށް މުސާރަ ލިބޭ ޗުއްޓީއެއްގައި 2010 ވަނަ އަހަރު ނިއުޒީލޭންޑަށް އެކަމަނާ ފުރާވަޑައިގެންފައިވާކަން އެނގިފައިވާ ކަމަށް މަހްލޫފްގެ ސިޓީގައި ލިޔެފައިވެއެވެ.

ކޯސް ފުރިހަމަ ކުރައްވައި ހަމަ އެއަހަރުގެ ޑިސެމްބަރު މަހު ބިސާމް ރާއްޖެ އެނބުރި ވަޑައިގެންފައިވިނަމަވެސް ބިސާމް ކޯސް ފުރިހަމަކުރި ކަމުގެ ސެޓުފިކެޓެއް ހުށައަޅާފައިނުވާ ކަމަށް މަހްލޫފް ބުނެފައިވެއެވެ. އަދި އޭގެ ފަހުން ޕީޖީ ބިސާމް އެކިއެކި މަގާމުތަކަށް ކުރިމަތިލުމަށް ހުށައަޅާފައިވާ ސީވީގައި މާސްޓާސް ޑިގްރީ އޮތް ވާހަކަވެސް ހިމަނާފައިނުވުމުން ޑިގްރީ ފުރިހަމަކޮށްފައިނުވާކަން އެނގިފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.
ކޯސް ފުރިހަމަ ނުކުރުމަކީ އެއްބަސްވުމާއި ޚިލާފު ކަމެއް ކަމަށްވާތީ އެމައްސަލަ ބަލައި ދިނުމަށް މަހްލޫފް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގައި އެދިފައެވެ.