ރައީސް ޔާމީންގެ "އަންދާ ޤާނޫނުން" ގޮނޑި ގެއްލިއްޖެ ކަމަށް އިއުލާން ކުރުމުން އަންނަނީ ހިނި ކަމަށާއި ރައްޔިތުން އިންތިޚާބުކުރި މަގާމުގައި ދެމިހުންނާނެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
މެމްބަރު އަބްދުﷲގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި މަޖިލީހަށްވެސް ވަނީ އެކަން އަންގާފައެވެ. އަބްދުﷲ މަޖިލީހަށް އިންތިޚާބުވެފައިވަނީ ޖޭޕީގެ މެމްބަރެއްގެ ގޮތުގައެވެ.
ނަމަވެސް ފަހުން ޖޭޕީ ދޫކުރައްވައި އަބްދުﷲ ވަނީ ޕީޕީއެމަށް ސޮއިކޮށްފައެވެ. އޭގެ ފަހުން މިއަހަރު ތެރޭ މެމްބަރު އަބްދުﷲ ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެންފައެވެ.
އަބްދުﷲގެ ނަން ޕީޕީއެމްގެ ދަފްތަރުން އުނިކޮށްފައިވާކަން އަންގައި ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމަށްފަހުގައެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ހުކުމާއި އެެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން ބަލާފައިވަނީ އަބްދުﷲ ޕާޓީން ވަކިކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމަށްފަހުގައި ކަމަށެވެ.
ސުޕްރީމް ކޯޓުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ތަމްސީލު ކުރައްވާ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ އެމެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ.