Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

އީސީގެ މެމްބަރުންނަށް ފިޔަވަޅު އަޅަން ޖެހޭ: ނަޝީދު

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިއުލާން ކޮށްފައިނުވާއިރު އިލެކްޝަންސް ކޮމިޝަނުން ބައި އިލެކްޝަން ކުރިއަށް ގެންދާނަމަ ކޮމިޝަނުގެ މެމްބަރުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައިފިއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ މިއަދު ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދުގެ ގޮނޑި ގެއްލުނުކަން އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމާއި ގުޅިގެންނެނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަން ކަނޑައެޅުމުގެ ބާރު ލިބިފައިވަނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ މިއަދު މެމްބަރު އަބްދުﷲގެ ގޮނޑި ގެއްލުނު ކަން އިއުލާން ކުރުމުގެ ކުރިންވެސް ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާކަން އިއުލާންކޮށް ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައެވެ.

އެ ހަތަރު މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފްއެވެ. ހަތަރު މެމްބަރުންވެސް ވަނީ އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައެވެ.

ނަމަވެސް ސުޕްރީމް ކޯޓުން މައްސަލައިގެ އަޑުއެހުންތައް ނިންމުމަށްފަހު ހުކުމް އިއްވަމުން ބުނެފައިވަނީ އެމައްސަލައާ ގުޅޭގޮތުން ނިންމާނެ އިތުރު ނިންމުމެއް ނެތް ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމީ ބާތިލު ނިންމުމެއްތޯ ނުވަތަ ސައްޚަ ނިންމުމެއް ކަމެއް ސީދާ ހުކުމުން ބަޔާންކޮށްފައެއް ނުވެއެވެ.