މެލޭޝިއާގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ނާކާމިޔާބުކޮށްލުމަށް ހިންގި ބޮޑު އޮޕަރޭޝަނެއްގެ ތެރެއިން 2 ދިވެހިން ހައްޔަރުކޮށްފިއެެވެ.
މެލޭޝިއާއިން ހައްޔަރު ކުރި ދެ ދިވެހިންގެ އުމުރަކީ 29 އަހަރާއި 33 އަހަރެވެ. އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ދެ ދިވެހިންނަކީ އެއާ ކޮންޑިޝަން މަރާމާތުކުރުމުގެ މަސައްކަތުގައި އުޅޭ ދެ ޓެކްނީޝަނުންނެވެ.
އެ މީހުން ހައްޔަރު ކުރީ މެލޭޝިއާގެ ސިޓީއެއް ކަމަށްވާ ޖޯހޯ ބަހްރޫ އިން މިދިޔަ މަހުގެ 9 ވަނަ ދުވަހުއެވެ.
މެލޭޝިއާގެ ފުލުހުންގެ އިންސްޕެކްޓާ ޖެނަރަލް މުހަންމަދު ފުޒީ ހާރޫނާ ހަވާލާދީ މެލޭޝިއާގެ ނޫސްތައް ބުނާ ގޮތުން އެ ގައުމުން ހައްޔަރު ކުރި ދެ ދިވެހިނަކީ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން އޮތް ދެ މީހުންނެވެ.
މެލޭޝިއާގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން 19 މީހަކު ހައްޔަރުކޮށްފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ އިރާގާއި ފަލަސްތީން، މެލޭޝިއާ، އިންޑޮނޭޝިއާ އާއި ފިލިޕީންސްގެ އިތުރުން ބަންގުލަދޭޝްގެ މީހުންނެވެ.