ރައްޔިތުންގެ މަޖިލީހުގެ ހަ މެންބަރެއްގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅައި، އެ ދާއިރާތަކުގެ ބައި-އިލެކްޝަންތައް ބާއްވަން ބޭނުންވާ ބަޖެޓް ހޯދުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީގައި އެދިއްޖެއެވެ.
ބައި- އިލެކްޝަންތައް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ދާއިރާތަކަކީ، މަޑުއްވަރީ ދާއިރާއާއި، ދިއްދޫ ދާއިރާއާއި، ތުލުސްދޫ ދާއިރާއާއި، ވިލިނގިލީ ދާއިރާއާއި ދަނގެތީ ދާއިރާގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާ އެވެ.
މީގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދުގެ ގޮނޑި ވެސް ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.
7 މެންބަރުންގެ ގޮނޑިތައް ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބު ކާމިޔާބުކުރާ މެންބަރުންގެ ތެރެެއިން ޕާޓީން ވަކިވާ، އަދި ވަކިކުރާ މެންބަރުންނާއި އަދި ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ޖުލައި 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާއި ހަވާލާދީ އެވެ.
ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ފަސްދޮޅަސް ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރާން ވާނެއެވެ.
ނަމަވެސް މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށްއޮތް ޢާންމު އިންތިހާބާ ދެމެދު އޮތީ ހަމަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްކަމުގައި ވާނަމަ އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކޮށްގެނެއް ނުވާނެ ކަމަށް ބުނެފައިވެއެވެ.