Last Updated: June 9, 09:12
Tuesday, June 9, 2026
ދުނިޔެ

ޗައިނާ މީހުން ޤާނޫނަށް ވުރެ މަތީގައި!

ފޮޓޯ އިން ތިޔަ ފެންނަނީ މިވަގުތު ރާއްޖޭގައި މަސައްކަތް ކުރަމުން ގެންދާ ޗައިނާގެ ދެ މުވައްޒަފަކު މާލޭގެ މަގެއްގައި ސައިކަލު ދުއްވާފައިދާ މަންޒަރެވެ.

ދިވެހިރާއްޖޭގެ ޓްރާންސްޕޯޓާއި ބެހޭ ޤާނޫނުގެ ދަށުން ލާޒިމްކޮށްގެން ބައިސްކަލް ފިޔަވައި އެހެން ހުރިހާ އެއްގަމު އުޅަނދު ފަހަރެއްގައި ވެސް ރަޖިސްޓްރީ ނަންބަރު އެނގޭނެ ގޮތަށް ބޯޑެއް ހަރުކުރަން ޖެހެއެވެ. އަދި މި ބޯޑު ބަހައްޓަން ޖެހެނީ ވެސް ޓްރާންސްޕޯޓް އޮތޯރިޓީ އިން ކަނޑައަޅާފައިވާ މިންގަނޑާއި އެއްގޮތަށެވެ.

އެއާއި ޚިލާފުވެއްޖެ ނަމަ -/750 ރުފިޔާގެ ޖޫރިމަނާ އަކާއި ކުރިމަތިލާން ޖެހެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީއިން ކަނޑައަޅާފައިވާ މިންގަނޑަށް ރަޖިސްޓްރީ ބޯޑް ހަރުކުރުމުގައި ދިވެހިރާއްޖޭގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ދުއްވަމުން ގެންދާ އެއްގަމު އުޅަނދު ފަހަރު ވެސް އިސްތިސްނާއެއް ނުވެއެވެ.

އެހެން ނަމަވެސް ފޮޓޯ އިން ތިޔަ ފެންނަ ސައިކަލުގެ ރަޖިސްޓްރީ ނަންބަރު އެނގޭނެ ފަދަ ބޯޑެއް ހަރުކޮށްފައެއް ނެތެވެ. އޭގެ ބަދަލުގައި ހުރީ އެ ސައިކަލުގައި ތިބި ދެމީހުންގެ ތެރެއިން އެކެއްގެ މައުލޫމާތު އަންގައިދޭ ކާޑެކެވެ. އެ ކާޑުގައި ލިޔެފައި ވަނީ ވެސް މުޅިން ޗައިނާ ބަހުންނެވެ.

މާލެ ތެރޭގައި ޗައިނާގެ މުވައްޒަފުން މިފަދައިން ރަޖިސްޓްރީ ނުކުރާ ސައިކަލްތަކުގައި ހަރަކާތްތެރިވަމުން ގެންދާއިރު އެކަން ހުއްޓުވުމުގައި ފުލުހުން ނުކުޅެދިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި އެތައް ބަޔަކު ގެންދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

އޭގެ ތެރެއިން ސިޔާސީ ބޭފުޅުން ވިދާޅުވާ ގޮތުން މި ފޮޓޯ އިން ފެންނަނީ ރާއްޖޭގައި ޗައިނާގެ ނުފޫޒު އޮތް މިންވަރު ކަމަށެވެ. އެހެން ނަމަވެސް ޓްވިޓާރ އާއި ފޭސްބުކްގައި އާއްމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ސިފަކުރަނީ "ޗައިނާ މީހުން ޤާނޫނަށް ވުރެ މަތީގައި" ތިބިކަން ދައްކުވައިދޭ މަންޒަރެއް ކަމަށެވެ.