Last Updated: June 9, 09:12
Tuesday, June 9, 2026
ޚަބަރު

ފާރިސް އަށް މިހާރު ތުހުމަތު ކުރަނީ ރިޝްވަތު ހިފިކަމަށް!

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން. ފޮޓޯ: ވީނިއުސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅި ކަމަށް ބުނެ ހައްޔަރުކުރި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗަށް ކުރި ތުހުމަތުތައް ޝަރީޢަތާއި ހިސާބުން މުޅިން ބަދަލުވެއްޖެއެވެ.

ފާއިތުވި ޖުލައި މަހުގެ 18 ވަނަ ދުވަހު ފާރިސް ހައްޔަރުކޮށްފައި ވަނީ ތަފާތު 2 ތުހުމަތެއްގައެވެ.

އެގޮތުން ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތުގެ ކުށާއި، 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށުގެ އިތުރުން، 540 ވަނަ މާއްދާގެ ދަށުން ހެކި ދިނުމަށް ހުރި މީހަކަށް ނުވަތަ ވޯޓް ދޭން ހުރި މީހަކަށް ނުވަތަ ދައުލަތުގެ މަސައްކަތެއް ކުރުމަށް ހުރި މީހަކަށް ބިރުދެއްކުމާއި، ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވުމާއި ދެކޮޅު ހެދުމުގެ ކުށުގެ ތުހުމަތު ކޮށްފައިވެ އެވެ.

އެހެން ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވެފައި ވަނީ، މިހާރު ދައުލަތުން ފާރިސްގެ މައްޗަށް ކުރާ ތުހުމަތަކީ ރިޝްވަތު ހިފުން ކަމަށް ކްރިމިނަލް ކޯޓުން ދޫކޮށްފައިވާ ލިޔުންތަކުން ސާބިތުވާކަމަށެވެ.

މައުމޫން ހަމީދު ވިދާޅުވީ، ފާރިސްގެ މައްޗަށް ދައުލަތުން ތުޙުމަތު ކުރާ ކަމަށް ލިޔެކިޔުންތަކުން ފެންނަނީ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށެވެ. އެ މާއްދާ އަކީ ރިޝްވަތު ހިފުމުގެ ކުށް ބަޔާންކުރާ މާއްދާއެވެ.