ހުރިހާ ހާލެއްގައި ވެސް މުސްލިމުން ތިބެން ޖެހޭނީ އަނިޔާކުރާ ބަޔަކާއި އިދިކޮޅަށް ކަމަށް އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު(ގާރީ ރަޝީދު) ވިދާޅުވެއްޖެއެވެ.
ގާރީ ރަޝީދު މިހެން ވިދާޅުވެފައި ވަނީ ކުރިން ވަގުތީ މިސްކިތެއްގެ ގޮތުގައި ބޭނުންކުރި އިމާރާތެއްގައި ހަދާފައިވާ ޕީޕީޢެމްގެ "ރުމާލު2" ޖަގަހައިގައި ވާހަކަ ދައްކަވަމުންނެވެ.
އެ ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކާފައިވަނީ ރޮހިންޔާގައި އަނިޔާލިބެމުންދާ މުސްލިމުންނާއި ބެހޭގޮތުންނެވެ.
އެ މައުޟޫއަށް ވާހަކަ ދައްކަވަމުން ގާރީ ރަޝީދު ވިދާޅުވީ އަޅުގަނޑުމެން ތިބެންވީ ﷲ ދީނާއި އެކުގައި ކަމަށާއި އަޅުގަނޑުމެން އަބަދުވެސް އަނިޔާކުރާ މީހުންނާއި ދެކޮޅަށް ތެދުވަން ޖެހޭ ކަމަށެވެ.
އަޅުގަނޑުމެން ތިބެންވީ އަނިޔާކުރާ ބަޔަކާއި އިދިކޮޅަށް… އަޅުގަނޑުމެން ނިކުންނަން ވީ..ފަހަތުގައި ތިއްބަވާނެ ކަމެއް ނެތް. އޭރުން އަޅުގަނޑުމެންގެ ކަންކަމަށް ވެސް ﷲ ތަޢާލާ ރުހިވޮޑިގަންނަވާނީ. ނަސްރު ވެސް ދެއްވާނީ.
ގާރީ ރަޝީދު ވިދާޅުވީ ފަހަތުގައި ރައްޔިތުން ތިބޭނެ ކަމެއް ނެތް ކަމަށާއި ﷲގެ ރުހިވޮޑިގަތުން ލިބި އަދި ޤައުމުގެ ކަންކަމުގައި ނަސްރު ލިބޭނީ ވެސް އޭރުން ކަމަށެވެ.
މީގެ އިތުރުން ގާރީ ރޮހިންޔާ މުސްލިމުންނަށްޓަކައި ހުރިހާ އެންމެން ވެސް ހެޔޮ ދުއާ ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.