Last Updated: June 9, 09:12
Tuesday, June 9, 2026
ޚަބަރު

މީގެ ތެރެއިން އެންމެ މަދުން މަޖިލީހަށް ހާޒިރުވީ ކޮން މެންބަރެއް؟

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މި އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތަކަށް ހާޒިރުވި ގޮތުގެ ރިޕޯޓް މަޖިލީހުން މިވަނީ އާއްމުކޮށްފައެވެ. މަޖިލީހުން އާއްމުކުރި ހާޒިރީ ރިޕޯޓުން އެނގޭ ގޮތުގައި ދެވަނަ ދައުރުގައި ބާއްވާފައި ވަނީ އެންމެ 11 ޖަލްސާއެވެ.

އޭގެ ތެރެއިން އައްޑޫ އަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން ހާޒިރީގެ އެންމެ ފުލަށް ދިޔައީ ކޮން މެންބަރެއް ހެއްޔެވެ؟ އަދި ހާޒިރީ އެންމެ ރަނގަޅު މެންބަރަކީ ކޮބައި ހެއްޔެވެ؟

ރައްޔިތުންގެ މަޖިލީހުގެ 2017 ވަނަ އަހަރުގެ 2 ވަނަ ދައުރުގެ ހާޒިރީ ރިޕޯޓަށް ބަލާއިރު މަޖިލީހުގެ ޖަލްސާތަކަށް ބަރާބަރަށް ހާޒިރުވެފައިވަނީ އައްޑޫއަށް ނިސްބަތްވާ 7 މެންބަރުންގެ ތެރެއިން 3 މެންބަރުންނެވެ. އެއީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު(ޝާޑު) އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމްދީދީ އެވެ.

މި 3 މެންބަރުން ވެސް މަޖިލީހުގެ 2 ވަނަ ދައުރުގައި ބޭއްވި 11 ޖަލްސާއަށް ވެސް ހާޒިރުވެ ވަޑައިގެންފައިވެއެވެ.

މީގެ އިތުރުން މަރަދޫ ދާއިރާގެ މެންބަރު ޝަރީފު 9 ޖަލްސާ އަށް އަދި ހިތަދޫ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު 8 ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވިއެވެ. އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މަޖިލީހުގެ 10 ޖަލްސާއަށް ވަޑައިގެންނެވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އައްޑޫގެ ދާއިރާތަކަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން އެންމެ މަދުން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވި މެންބަރަކީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ. ރޮޒައިނާ ހާޒިރުވެފައި ވަނީ ދެވަނަ ދައުރުގައި ބޭއްވި 11 ޖަލްސާގެ ތެރެއިން 5 ޖަލްސާ އަށެވެ.