Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

އިލެކްޝަންސް ކޮމިޝަނަށް ނަޝީދުގެ އިންޒާރެއް

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ގާނޫނާއި ޚިލާފަށް ރާއްޖޭގައި އަމަލު ކުރަމުންދާނަމަ ބައިނަލްއަގުވާމީ ކެމްޕޭނެއް މެމްބަރުންނާ ދެކޮޅަށް ފަށާނެ ކަމުގެ އިންޒާރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.

ނަޝީދުގެ ރުޅިވެރިކަން އިތުރުވެގެން ގޮސްފައިވަނީ އިއްޔެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މުޙައްމަދުގެ ގޮނޑި ގެއްލިފައިވާކަމަށް އެއްވެސް ހައިސިއްޔަތެއް ނެތި އިލެކްޝަންސް ކޮމިޝަނުން އެންގުމުން ކަމަށް ޤަބޫލުކުރެވެއެވެ.

ޓުވިޓާގައި ނަޝީދު ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާއި ދެކޮޅަށް ބައިނަލްއަގުވާމީ ދުނިޔޭގައި ގާނޫނާއި ޚިލާފުވާނަމަ ފިޔަވަޅު އެޅޭނެ ކަމަށެވެ. އޭގެ ތެރޭގައި ދަތުރު ނުކުރެވޭ ގޮތަށް "ޓްރެވެލް ބޭން" އެއްވެސް އިއުލާން ކުރެވިދާނެ ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

"އިލެކްޝަންސް ކޮމިޝަނުން ގާނޫނާއި ޚިލާފަށް އަމަލުކުރާނަމަ އަހަރުމެން ބައިނަލްއަގުވާމީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާނަން. އޭގެ ތެރޭގައި ޓްރެވެލް ބޭން ވެސް ހިމެނޭ"

ނަޝީދު މިހެން ވިދާޅުވުމުގެ ކުރިން ވަނީ ގާނޫނު ހަދާ މަޖިލީހުގެ އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓު ނޫން އެހެން އެއްވެސް ފަރާތަކަށް ކަނޑަނޭޅޭނެ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ވާޖިބު އަދާކުރަނީ ގާނޫނާއި ޚިލާފަށް ކަމަށް ވިދާޅުވެ ކޮމިޝަނުގެ މެމްބަރުންނަށް ފިޔަވަޅު އެޅުމަށްވެސް ގޮވާލާފައިވެއެވެ.