Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

މަޝްވަރާގެ ދައުވަތަށް މި ފަހަރު ވެސް ބީރު ކަންފަތެއް!

ސަރުކާރުން އިދިކޮޅު ފަރާތްތަކާއި ގުޅިގެން ޤައުމު ހަމަ މަގަށް އެޅުމަށް ސަރުކާރުން އިދިކޮޅު ފަރާތްތަކަށް މަޝްވަރާގެ މޭޒަށް އައުމަށް ގޮވާލުމުން އަނެއްކާވެސް އިދިކޮޅު ފަރާތްތަކުން "ބީރުކަންފަތެއް" ދީފިއެވެ.

ސަރުކާރުގެ ފަރާތުން މިކަމުގައި އިސްވެ ހުންނެވި ފިޝަރީޒް މިނިސްޓަރ، ޑރ. ޝައިނީ ވިދާޅުވެފައިވަނީ މިފަހަރުވެސް މަޝްވަރާ ކުރުމަށް އިދިކޮޅު ފަރާތްތަކަށް ދައުވަތު ދިނުމުން އިދިކޮޅު އެއްވެސް ޕާޓީއަކުން ޖަވާބެއް ދެއްވާފައިނުވާ ކަމަށެވެ. 7 ދުވަހުގެ މުހުލަތެއް ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ދީފައިވާއިރު އިއްޔެގެ ނިޔަލަށް 7 ދުވަސް ވަނީ ހަމަވެފައެވެ.

ނަމަވެސް އިދިކޮޅު އެއްވެސް ޕާޓީއަކުން އަދި މިހާރު ގުޅިފައިވާ އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ އެއްވެސް މަންދޫބަކުވެސް މަޝްވަރާއަށް އައުމުގެ ވާހަކައެއް ދައްކާފައެއް ނުވެއެވެ.

ސަރުކާރުގެ ފަރާތުން މަޝްވަރާގެ މަޖިލީހަށް ދައުވަތު އަރުވަމުން ޑރ. ޝައިނީ ވިދާޅުވެފައިވަނީ އިދިކޮޅުގައި ހިމެނިވަޑައިގަންނަވާ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ލީޑަރުންނަށް މަޝްވަރާގައި ބައިވެރިނުވެވޭނެ ކަމަށެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާންގެ އިތުރުން އެންމެ ފަހަކަށް ކްރިމިނަލް ކޯޓުން ރިޝްވަތުގެ ކުށް ސާބިތުވެ ޖަލަށް ހުކުމް ކުރި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ.

ޑރ. ޝައިނީ ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ޝަރުތު ކުރަނީ ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ފަރާތްތަކުން ޖަލުން ނެރުމަށްފަހު މިނިވަން ކުރުމަށް ކަމަށާއި އެއީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ޕާޓީތަކުން އަމިއްލަ މަސްލަހަތު އެއްކާރި ކުރައްވައި ޤައުމިއްޔަތު އިސްކުރައްވައި ގައުމު އިސްލާހުކުރުމަށް ކުރެވޭނެ މަސައްކަތްތައް ފާހަގަކޮށް މަޝްވަރާގެ މަޖިލީހަށް ވަޑައިގެންނެވުމަކީ ސަރުކާރުގެ އެދުން ކަމަށް ޑރ. ޝައިނީ ވަނީ އިދިކޮޅު ފަރާތްތަކަށް ގޮވާލާފައެވެ.

އިއްޔެ ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ދީފައިވާ 7 ދުވަހުގެ މުހުލަތު ހަމަވެފައިވާއިރު އިދިކޮޅު ޕާޓީތަކުން ޖަވާބެއް ދެއްވާފައިނުވި ނަމަވެސް ސަރުކާރުން އަދިވެސް އިދިކޮޅު ފަރާތްތަކާއި މަޝްވަރާ ކުރުމަށް ތައްޔާރު ކަމަށް ޑރ. ޝައިނީ ވިދާޅުވެފައިވެއެވެ. އިދިކޮޅު ފަރާތްތަކުން މައްސަލަތައް ފާހަގަކުރައްވައި ސަރުކާރާ އެއް މޭޒަކަށް ވަޑައިގެން ވާހަކަ ދައްކަވަން ނިންމައިފިނަމަ އެފުރުސަތު އަދިވެސް ހުޅުވާލެވިފައިވާ ކަމަށް މިނިސްޓަރު އިތުރުކުރެއްވިއެވެ.