ބޮލީވުޑްގެ މަޝްހޫރު ތަރި، އަމީތާބް ބައްޗަން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ފަހު ވަގުތު ކެންސެލްކޮށް، ރާއްޖެ ވަޑައިނުގަތުމަށް ގަސްދުކުރައްވައިފިއެވެ.
ޑަބްލިއުއެޗްއޯގެ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވުމަށް ރާއްޖެ އައުމަށް ބައްޗަން ގަސްދުކުރެއްވުމާއެކު ސޯޝަލް މީޑިޔާގައި އިދިކޮޅު ފަރާތްތަކުން ވަނީ ރާއްޖޭގެ ސިޔާސީ ހާލަތު ގޯސްވުމުގެ ސަބަބުން ރާއްޖެ ވަޑައިނުގަތުމަށް އެދި ޓުވީޓުކޮށްފައެވެ.
އަމީތާބުގެ ދަތުރުފުޅު ކެންސެލް ކުރައްވާފައިވާކަން ކަށަވަރުވެފައިވިނަމަވެސް ފަހު ވަގުތު ކެންސެލް ކުރީ ކޮން ސަބަބަކާއި ލައިގެން ކަމެއް މިހާތަނަށް ސާފުވެފައެއްނުވެއެވެ.
ޕެރެޑައިސް އައިލެންޑް ރިސޯޓުގައި އިއްޔެ ފެށި ކޮމިޓީ ބައްދަލުވުމުގައި އަމީތާބު ބައިވެރިވުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ. މިއަދު މެންދުރު ރާއްޖެ ވަޑައިގެން ބައްދަލުވުމުގައި ބައިވެރިވުމަށް ކުރިން އޮތީ ހަމަޖެހިފައެވެ.