Last Updated: June 9, 09:12
Tuesday, June 9, 2026
ޚަބަރު

އަބުޅޯގެ ގޮނޑި ގެއްލުނު ކަމަށް މަޖިލީހުން ގަބޫލެއް ނުކުރޭ!

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ(އަބުޅޯ)ގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލްކެޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން މަޖިލީހުން ގަބޫލުނުކުރާ ކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ މަޖިލީހުގެ ރަސްމީ ވެބްސައިޓްގައި އާއްމުކޮށްފައިވާ މައުލޫމާތު ތަކުންނެވެ. މަޖިލީހުގެ އިދާރާއިން ވަނީ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ އެންމެހައި މައުލޫމާތަކީ "ސައްހަ އަދި އަޕްޑޭޓެޑް" މައުލޫމާތު ކަން ކަށަވަރުކޮށްދީފައެވެ.

މަޖިލީހުގެ އިދާރާގެ ވެބްސައިޓްގައި ހިމެނޭ މަޖިލީހުގެ މެންބަރުންގެ ލިސްޓުގައި، މެންބަރު އަބުޅޯގެ ނަން އަދިވެސް އެބައޮތެވެ. މަޖިލީހުގެ ވެބްސައިޓްގައި ހިމަނާފައިވާ މެންބަރުންގެ ލިސްޓުގައި އަބުޅޯގެ ނަން ހިމަނާފައިވަނީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައެވެ.

މަޖިލީހުގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ޕާޓީތަކުގެ ލިސްޓުގައި އަބުޅޯގެ ނަން އޮތް ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ބުނާ 6 މެންބަރުންގެ ނަންތައް އެ ލިސްޓުން ވަނީ އުނިކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން މެންބަރުންގެ ގޮނޑިގެއްލުނު ކަމަށް ކަނޑައަޅަމުން ގެންދަނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި އަދި ގިނަ އަދަދެއްގެ ޤާނޫނީ ވަކީލުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން މެންބަރު އަބުޅޯގެ ގޮނޑި ގެއްލުވާލުމުން އޭނާ ވިދާޅުވީ މެންބަރުކަން 5 އަހަރަށް ހަވާލުކުރީ ރައްޔިތުން ކަމަށާއި ގާނޫނާ ޚިލާފަށް އެ މަގާމު ގެއްލުވާލުމުން އަންނަނީ ހިނި ކަމަށެވެ.