ސ. ހިތަދޫގައި މިރޭ ދަންޖެހިގެން މަރުވާން އުޅުނު ޒުވާނަކު ސަލާމަތްކޮށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފި އެވެ.
މިކަން އެ ހޮސްޕިޓަލުން ވެސް "އައްޑޫ ލައިވް" އަށް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
އެނގިފައިވާ ގޮތުގައި ދަންޖެހިގެން މަރުވާން އުޅެނިކޮށް ސަލާމަތްކޮށްގެން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ހިތަދޫ ލިއޯން ސުނިލް މުފީދް އެެވެ. އޭނާ އަށް ހޮސްޕިޓަލުން މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
ސުނިލްގެ އާއިލާގެ މެމްބަރަކު މިރޭ ބުނީ އޭނާ ދަންޖެހެން އުޅެފައި ވަނީ އޭނާ ދިރިއުޅޭ ކޮޓަރީގެ ފަންކާގައި ބެޑްޝީޓް އައްސައިގެންނެވެ. އަދި ސުނިލް ދަންޖެހިފައި ހުއްޓައި އާއިލާގެ މެމްބަރަކަށް ފެނިގެން އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔައީ އެވެ.
އޭނާ ބުނިގޮތުގައި ސުނިލް އާއި އޭނާގެ އަންހެނުންނާ ދެމެދު މައްސަލަ ޖެހިގެން އުޅޭތާ ދުވަސްތަކެެއްވެއްޖެ ކަމަށެވެ. އަދި އޭނާ ދަންޖެހެން އުޅެފައި ވަނީ އެ މައްސަލާގައި ކަމަށް ބެލެވޭ ކަމަށް ވެސް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.