Last Updated: June 9, 09:12
Tuesday, June 9, 2026
ރިޕޯޓް

މި ރައީސްގެ އައިޓީ ޕާކް ވައުދަށް 1403 ދުވަސް!

ރައީސް ޔާމީން ޕީޕީއެމްގެ ހަފްލާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: އަސުރުމާ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ޕްރޮމޯޓް ކުރުމަށް އެންމެ ގިނައިން އެބައެއްގެ ނަން ބޭނުންކުރެވޭ ބަޔަކަށް ވާނީ ޒުވާނުންނެވެ. މިއީ ޒުވާނުންގެ ސަރުކާރެއް ކަމަށާއި ޒުވާނުންގެ ލީޑަރެއް ފަދަ އެތައް ވާހަކަތަކެކެވެ.

ޚުދު ރައީސުލްޖުމްހޫރިއްޔާ ވެސް ޒުވާނުންނަކީ، "އެންމެ އަގު ބޮޑު ރައުސްމާލު" ކަމުގައި ވިދާޅުވެ ވަރަށް ގިނައިން ވާހަކަފުޅު ދައްކަވައެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެސް ރައީސް ޔާމީން ވަނީ ޒުވާނުންނަށް ފަހި ކަންތައްތަކެއް ހަމަޖައްސަވައި ދެއްވާނެ ކަމުގެ ވަޢުދުވެވަޑައިގެންފައެވެ.

އޭގެ ތެރެއިން އެއް ވަޢުދަކީ 2013 ވަނަ އަހަރުގެ ނޮވެމްބަރ 5 ވަނަ ދުވަހު އައްޑޫ ސިޓީގެ ޒުވާނުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި، "އައިޓީ ޕާކު" ވަޢުދެވެ.

އެދުވަހު ރައީސް ޔާމީން ވިދާޅުވި ގޮތުގައި އައިޓީ ޕާކެއް ޤާއިމް ކުރުމަކީ ވަރަށް ފަސޭހަ އަދި ބޮޑެތި ޚަރަދު ހިނގާނެ ކަމެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ އައިޓީ ޕާކު ވަޢުދަށް 1403 ދުވަސް ވެގެން ދާއިރު އެ ވައުދު ފުއްދަން ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން މަސައްކަތް ކުރާ ތަނެއް ނުފެނެއެވެ.

ހިތަދޫގައި ދާދިފަހުން ރައްޔިތުންނަށް ތަރައްޤީ "ދައްކަން" ބޭއްވި އެއްވުމުގައި ވެސް އައިޓީ ޕާކުގެ ވާހަކައެއް ނުދައްކަވައެވެ. މީގެ ރައީސް ޔާމީންގެ ސަރުކާރުން ފާއިތުވި 4 އަހަރަށް ފާސްކުރި ބަޖެޓު ތަކުގައި ވެސް އައިޓީ ޕާކު ތަރައްޤީ ކުރުމަށް ފައިސާ ހިމަނާފައެއް ނުވެއެވެ.

ފާޢިތުވި 1403 ދުވަހުގެ ތެރޭގައި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އަދި ޚުދު ރައީސް ޔާމީން ވެސް އައިޓީ ޕާކުގެ ވާހަކަ ދައްކަވާފައި ނުވެއެވެ. މީގެ އިތުރުން އައްޑޫގެ ދާއިރާތައް ތަމްސީލްކުރައްވަން ތިއްބެވި ޕީޕީއެމަށް ނިސްބަތްވާ މަޖިލިސް މެންބަރުންނެއް ވެސް މިވާހަކައެއް ނުދައްކަވައެވެ. އެބޭފުޅުން ތަސްބީހައެއް ހެން ގޮވަމުން ދަނީ "ޝުކުރިއްޔާ ރައީސް ޔާމީން" އެވެ.