1993 ވަނަ އަހަރު އިންޑިއާގެ މުމްބާއި ގައި ހިނގި ބޮމުގެ ހަމަލާތަކުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ދެ މީހަކު މެރުމަށް ކޯޓުން ޙުކުމް ކޮށްފި އެވެ.
1993 ވަނަ އަހަރު ހިނގި އެ ހާދިސާގައި މުމްބާއި ގެ ގިނަ ސަރަޙައްދުތަކަށް ބޮމުގެ ހަމަލާތައް ވަނީ ދީފައެވެ. އަދި އެ ހަމަލާތަކުގައި 257 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.
ފިރޯޒް ޚާން އާއި ތާހިރް މާޗެންޓްގެ މައްޗަށް ކޮށްފައި ވަނީ އެ ހަމަލާތައް ރާވައި ހިންގުމާއި ގަސްތުގައި މީހުން މެރުމުގެ ދައުވާ އެވެ.
އެ ހާދިސާ ރާވާ ހިންގުމުގައި ބައިވެރިވި އިތުރު މީހަކު ކަމަށްވާ އަބޫ ސާލެމް ވަނީ އިންޑިއާ ދޫކޮށް ފިލާފައެވެ. އެހެންނަމަވެސް 2005 ވަނަ އަހަރު ޕޯޗުގަލް އޭނާ ވަނީ ފެނިފައެވެ. އަދި އޭނާ އާއި ކަރިމުއްލާ ޚާން ގެ މައްޗަށް ވަނީ އުމުރަށް ޖަލަށް ލުމުގެ ޙުކުމެއް ކޮށްފައެވެ.
މީގެ އިތުރުން ރިޔާޒް ސިއްދިޤީ ގެ މައްޗަށް ވަނީ 10 އަހަރުގެ ޖަލު ޙުކުމެއް ކޮށްފައެވެ.
އެ ހާދިސާއާއި ގުޅިގެން 2003 އާއި 2010 އަކާއި މެދު ހަތް މީހަކު ހައްޔަރުކޮށް ސުވާލު ކޮށްފައި ވެއެވެ. އޭގެ ތެރެއިން ހަ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އިންޑިއާގެ ކޯޓަކުން ވަނީ ޙުކުމް ކޮށްފައެވެ.
އެހެންނަމަވެސް، ދައުވާ ސާބިތުވުމާއި އެކު އޭގެ ތެރެއިން އެކަކު ކަމަށްވާ މުސްތަފާ ދޮއްސާ ވަނީ ހާޓް އެޓޭކެއް ޖެހުމުގެ ސަބަބުން މަރުވެފައެވެ.