މި އަހަރުގެ މެއި މަހުގެ ތެރޭގައި ވަރަށް އިހާނެތިކޮށް މަރާލި ބްލޮގަރ ކަމަށްވާ ސ. ފޭދޫ ޗަނބޭލީގޭ، ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދައުލަތަކުން ދައުވާ ކުރާ ހަ މީހެއްގެ ޝަރީޢަތް 10 ސެޕްޓެމްބަރު 2017 ވާ އާދިއްތަ ދުވަހު ފަށަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.
އެގޮތުން "ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ" ދައުލަތުން ކުރަނީ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާންގެ އިތުރުން މ. ކުދެހިގޭ ހަސަން ޝިފާޒާއި މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ މައްޗަށެވެ.
ފުލުހުން ތުހުމަތު ކޮށްފައިވާ ގޮތުގައި މީގެ ތެރެއިން ޒިހާން އާއި ހައިޝަމް އަކީ ޔާމީން ރަޝީދު މެރުމުގައި ޢަމަލީ ގޮތުން ބައިވެރިވި މީހުން ކަމަށެވެ.
އާދިއްތަ ދުވަހު ޝަރީޢަތް ފަށާ ހަ މީހުންގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެނަމަ، އެމީހުން މެރުމަށް ޙުކުމް ކުރާނެ އެވެ.
އެ މީހުންގެ އިތުރުން ދެން ހުރި މީހާގެ މައްޗަށް ވެސް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ކުރަން ނިންމާފައެވެ. އެހެންނަމަވެސް އޭނާގެ ޝަރީޢަތް ފަށާނެ ދުވަހެއް އަދި ތާވަލް ކޮށްފައި ނުވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޔާމީން ރަޝީދު މަރާލާފައި ވަނީ ދީނީ ޚިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ކަމަށެވެ. އޭނާ މަރާލާފައި ވަނީ އޭނާ ދިރިއުޅޭ ގޭގެ ސިޑިގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާ ދީގެންނެވެ.