Last Updated: April 24, 09:46
Wednesday, April 24, 2024
ޚަބަރު

ހަރިކޭން އާމާއާ ހެދި މުޅި ކެރީބިއަން ހުއްޓުމަކަށް

ކެރީބިއަން އަށް ކުރިމަތިވެފައިވާ ހަރިކޭން އާރމާގެ ސަބަބުން ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓި މަދުވެގެން 10 މީހުން ވަނީ މިހާތަނަށް މަރުވެފައެވެ.

ކެރީބިއަންގެ ކުޑަކުޑަ ރަށެއް ކަމަށްވާ ބާބިއުޑާގައި މީހުންނަށް ދިރިނޫޅެވޭނެ ޙާލަތަކަށް ކަންތައް ވަނީ ގޯސްވެފައެވެ. އޮފިޝަލުން ވަނީ ސެއިންޓް މާޓިން ވެސް ގާތްގަނޑަކަށް މުޅިންހެން ހަލާކުވެފައިވާ ކަމަށާއި، މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

އާރމާ އަކީ ކެޓަގަރީ 5 ގެ ހަރިކޭން އެކެވެ.

ހަރިކޭން އާރމާ މިހާރު ދަނީ ޑޮމިނިކަން ރިޕަބްލިކްގެ އިރުއުތުރުން ޓާކްސް އާއި ކައިކޯސް އާއި ދިމާލަށް މިސްރާބު ޖަހަމުންނެވެ.

އޮފިޝަލުން ބުނާ ގޮތުގައި މިއީ ފާއިތުވި 10 އަހަރު ތެރޭގައި އެޓްލާންޓިކް އަށް އައި އެންމެ ބާރުގަދަ ތޫފާން ކަމަށެވެ. އެގޮތުން މި ތޫފާނުގައި ވައި ޖެހެނީ ގަޑިއަކު 285 ކިލޯމީޓަރުގެ ބާރުމިނުގައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ބާބިއުޑާގެ އާބާދީގެ 50% މީހުން ވަނީ މިހާރު ގެދޮރު ނެތިފައެވެ. އަދި އެ ރަށް އަލުން ބިނާކުރުމަށްޓަކައި 100 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ވެސް ލަފާކުރެވެއެވެ.

ހަރިކޭން އާރމާ ގެ ސަބަބުން ކެރީބިއަންގެ ތިންވަނަ އަށް އެންމެ ބޮޑު އެއާޕޯޓް ކަމަށްވާ ސިންޓް މާޓީންގެ އެއާޕޯޓް ވަނީ މުޅިން އެއްކޮށް ހަލާކުވެފައެވެ.