Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

ފުލުހުން ހައްޔަރު މީހަކު އަނެއްކާވެސް ދޫކޮށްލަން ޖެހިއްޖެ

ފޮޓޯ: ގޫގުލް

މިދިޔަ މަހު ކ. ހިންމަފުށީގައި ހުންނަ ފެން އުފައްދާ 'ލައިފް' ފެން ފެކްޓްރީގައި މަސައްކަތް ކުރި ބިދޭސީއެއް މަރުވެފައި އޮއްވައި ފެނުނު މައްސަލައާއި ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރު ކޮށްފައި ވަނީ ޔުނީފޯން ނާޅައި ހުރި ފުލުހަކު ކަމަށްވާތީ، އެ މީހާ ދޫކޮށްލަން ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.

އެގޮތުން ހިންމަފުށީ ކޯޓުން ދޫކޮށްލި މީހާ އަކީ އެ ފެކްޓްރީގެ ކުރީގެ މެނޭޖަރު ކަމަށްވާ އުމުރުން 44 އަހަރުގެ ކ.ހިންމަފުށި/ ތުނިޔާ، މުހައްމަދު އިމްތިޔާޒުއެވެ.

އޭނާ ހައްޔަރު ކޮށްފައި ވަނީ ކޯޓް އަމުރުއްގެ ދަށުންނެވެ. އަދި އޭނާގެ ބަންދަށް މީގެ ކުރިން ހިންމަފުށީ ކޯޓުން ވަނީ 12 ދުވަސް ޖަހާދީފައެވެ.

އެހެންނަމަވެސް، އޭނާ ދޫކޮށްލީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މާއްދާއެއްގެ ދަށުންނެވެ.

އެ ފެކްޓްރީގައި މަސައްކަތް ކުރި ބިދޭސީ މީހާގެ މަރުގެ މައްސަލައާއި ގުޅިގެން ފުލުހުން ވަނީ މީޣެ ކުރިން އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ހައްޔަރު ކޮށްފައެވެ. އޭނާގެ ބަންދަށް ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަސް ޖަހާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ހިންމަފުށީގައި އުމުރުން 38 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތަކު މަރުވެފައި އޮއްވައި ފެނިގެން ފުލުހުންނަށް އެ މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު އެވެ. މަޢުލޫމާތު ލިބޭ ގޮތުގައި އެ މީހާ ސިއްޙީ މަރުކަޒަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.