އިނގިރޭސި ޕްރިމިއާ ލީގު ޓީމުތައް އާ ސީޒަން ފެށުމުގެ ކުރިން ޓްރާންސްފާ ވިންޑޯ ނިންމާ ގޮތަށް އެއްބަސްވެ ވޯޓުލައިފިއެވެ.
މި ނިންމުމާއެކު އަންނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގައި ކުލަބުތަކުން ކުޅުންތެރިން ގަނެވޭނެ އެންމެ ފަހު ގަޑިއަކީ ސީޒަން ފެށޭ ދުވަހުގެ ކުރީ ދުވަހު އިނގިރޭސި ގަޑިން 17:00 އެވެ.
މިހާރު ކުލަބުތަކަށް އޯގަސްޓު މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ކުޅުންތެރިން ގަނުމާއި ވިއްކުމުގެ ފުރުސަތު ލިބިފައި އޮންނާތީ މެނޭޖަރުން ވަނީ ސީޒަން ފެށުމުން ކުޅުންތެރިން ކުލަބު ދޫކޮށް ދިއުމުން ދަތިތައް ދިމާވާކަމަށް ބުނެ ޝަކުވާ ކޮށްފައެވެ.
ޕްރިމިއާ ލީގުގެ ހުރިހާ ޓީމަކުންވެސް ވަނީ މި ނިންމުން ފާސްކުރުމަށް ވޯޓު ދީފައެވެ. މިފަހަރުގެ ޓްރާންސްފާ ވިންޑޯގައި އާސެނަލްގެ މިޑްފީލްޑަރު އެލެކްސް އޮކްސްލޭޑް ޗެމްބަލެއިން ވަނީ ސީޒަން ފެށުމަށްފަހު ލިވަޕޫލްއާ ދެކޮޅަށް ކުޅުމަށްފަހު ޓްރާންސްފާ ވިންޑޯ ނިމުމުގެ ކުރިން އާސެނަލް ދޫކޮށް ލިވަޕޫލަށް ސޮއިކޮށްފައެވެ.