އެމްޑީޕީގެ ގައުމީ ކޮންގްރެސް ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.
ކޮންގްރެސް ފަސްކުރުމަށް ނިންމާފައި ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމެއްގައެވެ.
އެމްޑީޕީގެ ކޮންގްރެސް ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް ހުށަހެޅީ އެޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒެވެ. އޭނާގެ ހުށަހުޅުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 28 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
އެމްޑީޕީގެ ގައުމީ ކޮންގްރެސް ކުރިން ބާއްވަން ނިންމާފައިވަނީ ސެޕްޓެމްބަރ މަހުގެ 15 އިން 17 އަށެވެ.
އެމްޑީޕީން ބުނެފައި ވަނީ ގައުމީ މަޖިލިސް ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ޖެހުނީ ދައުލަތުގެ މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީ ތަކަށް ދޭން ޖެހޭ ފައިސާ އިލެކްޝަންސް ކޮމިޝަނުން ޕާޓީ ތަކަށް ދޫކޮށްފައި ނުވާތީ ކަމަށެވެ.
އެހެންކަމުން އެމްޑީޕީން ވަނީ ކޮންގްރެސް ބޭއްވުމަށްޓަކައި ފަންޑެއް ހުޅުވަން ނިންމުމަށާއި، ފައިސާ ލިބުމުން ކޮންގްރެސް ބާއްވާނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށް ބުނެފައެވެ.