މިޔަންމާގެ ލީޑަރު އަދި ނޯބަލް ޕީސް ޕްރައިޒް ލިބިފައިވާ އަންގް ސަން ސޫކީގެ ނޯބެލް ޕްރައިޒް އޭނާގެ އަތުން ނެގުމަށް ތާއީދުކޮށް 3 ލައްކައަށްވުރެ ގިނަ މީހުން ޕެޓިޝަނެއްގައި ސޮއިކޮށްފިއެވެ.
ސޫކީގެ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ އެވޯޑު ނެގުމަށް ގިނަ ބަޔަކު ގޮވާލަމުންދަނީ މިހާރު މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާމެދު އެގައުމުގެ ސިފައިންގެ އަނިޔާވެރިކަން ކޮޅުންލައިގެން ގޮސް، އެމީހުން ގައުމު ދޫކޮށް ދާން ފެށުމުންނެވެ.
މުސްލިމުން ކަތިލައި މަރަމުން ގޮސް އެތައް ބަޔެއްގެ ލޭ މިޔަންމާގެ މަގުތަކަށް އެޅުނު ފަހުން އެތަން ދޫކޮށް އެތައް ލައްކަ ބަޔަކު ވަނީ ކައިރީގައި އޮތް ބަންގްލަދޭޝްގެ ބޯޑަރަށް ގޮސްފައެވެ.
އަނިޔާވެރިކަން ކޮޅުން ލައިގެން ގޮސްފައިވަނިކޮށް ސޫކީ ތުރުކީ ރައީސް ގުޅުމުން ބުނެފައިވަނީ މިޔަންމާގެ ރައްޔިތުންނަކީ އަނިޔާއާއި ބިކަ ހާލުގައި އުޅެފައިވާ ރައްޔިތުންކަމަށާއި އެކަން އެންމެ ރަނގަޅަށް އެނގޭނީ މިޔަންމާގެ ރައްޔިތުންނަށް ކަމަށެވެ. އަދި އޭނާ މިޔަންމާގެ ހުރިހާ ރައްޔިތުންނަށް މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ހޯދާ ދިނުމަށް މަސައްކަތް ކުރާ ކަމަށްވެސް ސޫކީ ބުނެފައިވެއެވެ.
މިޔަންމާ ސިފައިން ރޮހިންޔާ މުސްލިމުން މަރަން ފެށީ ރޮހިންޔާ ދަރިކޮޅުގެ ސަރުކާރާއި ދެކޮޅު ޖަމާއަތަކުން ސިފައިންނަށް ހަމަލާ ދިނުމުންނެވެ. ޖަވާބުގައި ސިފައިން ވަނީ ރަހީން ސްޓޭޓުގައި ދިރިއުޅެމުންދިޔަ އެތައް ސަތޭކަ މުސްލިމުން ކުށަކާ ނުލާ ބަޑި ޖަހައި އަދި ވަޅިން ހަމަލާދީ މަރާލާފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ.
ސްޓޭޓް ކައުންސެލާގެ މަގާމުގައި ހުރި މިޔަންމާގެ ލީޑަރު، އަންގް ސަން ސޫކީގެ ނޯބެލް ޕީސް ޕްރައިޒް އަނބުރާ ނެގުމަށް 330،000 އަށްވުރެ ގިނަ މީހުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޕެޓިޝަނުގައި ސޮއިކޮށްފައެވެ.