ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޭސް ފަރުވާއަށް ފޮނުވުމުގެ ހުއްދަ ދިނުމުން އެމަނިކުފާނާ މެދު ސަރުކާރުން ނުބައި ނިޔަތެއް ނެތް ކަން ސާފުވާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވުން ގާސިމްގެ ވަކީލުންނާއި ސަޕޯޓަރުން ބަލައިގަތީ ކުރި މަލާމާތެއްގެ ގޮތުގައެވެ.
ގާސިމް ބެއްލެވި ޑޮކްޓަރުންނާއި މެޑިކަލް ބޯޑުން ތިން ހަފްތާ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާ ދިނުމަށް ލަފާއެރުވި ނަމަވެސް ކަރެކްޝަނަލް ސާވިސެސް އިން ގާސިމަށް އަންގާފައިވަނީ ބޭސް ފަރުވާ ކުރުމަށްފަހު 10 ދުވަހުގެ ތެރޭގައި އެނބުރި ގައުމަށް ވަޑައިގަތުމަށެވެ.
ސީރިއަސް ހިތުގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދެވި ގާސިމް އިބްރާހިމް މެލޭޝިޔާއަށް ބޭސްފަރުވާއަށް މިހާރު ފުރާވަޑައިގެންފައިވާއިރު ގާސިމްގެ އަރިސް ބައެއް ބޭފުޅުން ވަނީ 10 ދުވަހުގެ ތެރޭގައި ގާސިމްގެ ފަރުވާގެ ކަންތައް ނުނިމިދާނެ ކަމާއި މެދު ބިރުހީވެ ސަރުކާރުން އެގޮތަށް އަމަލު ކުރުމުން ނުރުހުން ފާޅުކޮށްފައެވެ.
އަދި ގާސިމަށް ތިން ހަފްތާގެ ބަދަލުގައި 10 ދުވަސް ދިނުމަށްފަހު ރައީސުލް ޖުމުހޫރިއްޔާގެ ފަރާތުން ގާސިމް އިބްރާހިމްގެ އަރިހަށް ވަޑައިގެންނެވި ޚާއްސަ މަންދޫބު، މިނިސްޓަރ އަޒްލީން މީޑިޔާގައި ދިވެހި ސަރުކާރުން ގާސިމާއި މެދު ނުބައި ނިޔަތެއް ނެތް ކަން މިހާރު ސާފުވެއްޖެ ކަމަށް ބުނުމުން ވަރަށް ގިނަ މީހުންގެ ފާޑުކިޔުންތައް މިނިސްޓަރަށާއި ސަރުކާރަށް އަމާޒުވެގެން ދިޔައެވެ.
އެއީ ގާސިމް އެތައް ދުވަހެއް ވަންދެން ބޭސްފަރުވާއަށް ނުފުރި ރާއްޖޭގައި އޮންނަން ޖެހުމާއި ތަކުރާރުކޮށް ގާސިމް ބެއްލެވި ޑޮކްޓަރުން އިތުރު ޓެސްޓުތައް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ލަފާ އެރުވުމުންވެސް ފޮނުވާފައިނުވާތީއާއި ބަލި ހާލު ދެރަވެ، ކޯޓު ތެރެއަށް އަނބުރައިގަނެގެން ވެއްޓުމުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނިކޮށް ޣައިރު ހާޒިރުގައި ގާސިމްގެ މައްޗަށް ހުކުމް ކުރުމަށްފަހު ބޭސް ފަރުވާއަށް ބޭރަށް ފޮނުވުމަށް ކޯޓުން އަމުރުކުރުމުން ދައުލަތުގެ ބަންޑާރަ ނައިބު އެމައްސަލަ އިސްތިއުނާފު ކުރުންވެސް ހިމެނޭ ކަމަށް ގާސިމްގެ ސަޕޯޓަރުން ސޯޝަލް މީޑިޔާގައި ބަންޑުން ކޮށްލެއްވި ޝުއޫރުތަކުން ހާމަވެގެން ގޮސްފައިވެއެވެ.