މެކްސިކޯއަށް 8.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބިންހެލުމުގެ ސަބަބުން މިހާތަނަށް ފަސް މީހަކު ވަނީ މަރުވެފައެވެ. ދެކުނު މެކްސިކޯގެ އައްސޭރިފަށަށް އެރި މި ބިންހެލުމުގެ ސަބަބުން އެސަރަހައްދުގެ ގެތަކަށް ގެއްލުން ވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.
ޖިއޮލޮޖިކަލް ސާވޭއިން ވަނީ މިހާރު މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރު ކައިރި ގައުމުތަކަށް ދީފައެވެ. މެކްސިކޯގެ ޗިޕަސް ސިޓީއަށް އެރި މި ބިންހެލުމުގެ އަސަރު 650 މޭލު ދުރުގައި އޮތް މެކްސިކޯގެ ރައްޔިތުންނަށްވެސް ވަނީ ކޮށްފައެވެ.

މިނެޓަކަށްވުރެ ގިނައިރު ވަންދެން ގެތަކާއި އިމާރާތްތައް ހެލިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ބިންހެލުމުގެ ސަބަބުން އެގައުމުގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ޚަބަރު ލިބިފައިވެއެވެ.
އެމެރިކާގެ ޓެކްސަސްއަށް ތޫފާން ހާވީ އެރުމަށްފަހު އެތައް ހާސް ބަޔަކަށް އަސަރުކޮށްފައިވާއިރު މެކްސިކޯއަށް މިފަދަ ވަރުގަދަ ބިންހެލުމެއް އަރައި، ސުނާމީގެ އިންޒާރު ދިނުމުން އުތުރު އެމެރިކާ އޮތީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.