Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

"ދިވެހިންގެ ތެރޭގައި މިއުޅޭ ބައިގަނޑުގެ ވާހަކަ ޔާމީން ޤަބޫލު ނުކުރައްވާނެ"

ދިވެހިރައްޔިތުންގެ ތެރޭގައި އުޅޭ ބައިގަނޑުގެ ވާހަކަ ރައީސް އަބްދުﷲ ޔާމީން ޤަބޫލު ނުކުރައްވާނެ ކަމަށް ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.

އަލީ އާރިފް މިހެން ވިދާޅުވެފައިވަނީ ޗެނަލް13 އިން ގެނެސްދިން "ނިއުސްޓޯކް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ބެލެވޭ ގޮތުގައި އާރިފް ދިވެހިންގެ "ބައިގަނޑު" ގޮތުގައި ދައްކަވާފައި ވަނީ އިދިކޮޅު ފަރާތްތަކުގެ ވާހަކައެވެ.

"ރައީސް ޔާމީނަކީ ބޭރުން މީހަކު އެއްޗެއް ކިޔަސް އަދި ކިޔާހާ އެއްޗެއް ގަބޫލުކުރާނެ ބޭފުޅޭއް ނޫން އަދި ދިވެހި ރައްޔިތުންގެ ތެރެއިން މިއުޅޭ ބައިގަނޑު ދައްކާ ވާހަކަ އެއް ވެސް ޤަބޫލުކުރައްވާނެ ބޭފުޅޭއް ނޫން"

އަލީ އާރިފް ވިދާޅުވި ގޮތުގައި ކުރިމަތިވާ ފިއްތުންތަކަށް ބެއްލެވުމެއް ނެތި ރައީސް ޔާމީން މަސައްކަތް ކުރައްވަމުން ގެންދަނީ ދިވެހިންނަށް ހަގީގީ މިނިވަންކަން ހޯދައި ދެއްވުމަށް ކަމަށެވެ.

މިޔަންމާ އާއި އެކު ސިޔާސީ ގުޅުން ކަނޑާލާފައި ނުވާތީ އެކަމާއި ގުޅިގެން އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި އަލީ އާރިފް ވިދާޅުވީ ކޮންމެ ގޮތަކަށް ކަންތައް ކުރެއްވިޔަސް އިދިިކޮޅުގައި ތިބި މީހުންނަށް ރަނގަޅު ނުވާނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަކީ ރާއްޖެއަށް ވުރެ އެމީހުންގެ އަމިއްލަ މަސްލަހަތު އިސްކުރާ ބައެއް ކަމަށެވެ.

"ގައުމަށް ކޮންމެ ފަދަގޮތެއް ވިޔަސް އެމީހުންނަށް ހެޔޮވާނެ އެމީހުންނަށް ވެެރިކަމަށް އާދެވޭނެ ކޮންމެ މަގެއް އެމީހުނަނަށް ހެޔޮވާނެ އެއީ ގައުމު ވިއްކާލައިގެން ކަމަށް ވިޔަސް އަދި އާމްދަނީ ލިބެން ހުރި ހުރިހާ ވަސީލަތެއް ބޮއިކޮޓް ކުރަން ގޮވާލައިގެން ކަމަށް ވިޔަސް" އާރިފް ވިދާޅުވިއެވެ.

އަލީ އާރިފް ވަނީ މިޔަންމާ އާއި އެކު ސިޔާސީ ގުޅުން ކަނޑާލުމުގެ ބަދަލުގައި ވިޔަފާރީގެ ގުޅުން ކަނޑާލުމަށް ނިންމި ނިންމުން ދިފާޢުކުރައްވައި ވާހަކަ ދައްކަވާފައެވެ.

އެގޮތުން އާރިފް ވިދާޅުވީ ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށް ވިޔަފާރި ގުޅުން ކަނޑާނުލާ ނަމަ ސިޔާސީ ގުޅުން ކެނޑިޔަސް މިޔަންމާ އާށް ފައިދާކުރާނެ ކަން އެނގޭނެ ކަމަށެވެ. އަދި މިޔަންމާ އާއި އެކު އޮތް ވިޔަފާރީގެ ގުޅުން ކިތަންމެ ކުޑަނަމަވެސް އެ ގުޅުން ކަނޑާލީމާ މިޔަންމާ އަށް ކުރާ އަސަރު މާ ބޮޑުވާނެ ކަމަށެވެ.