ސަރުކާރުން އިދިކޮޅު ފަރާތްތަކަށް މަޝްވަރާގެ މަޖިލީހަށް އައުމަށް އެރުވި ދައުވަތު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަޙީދު ނުސީދާ ގޮތަކަށް އަނބުރާ ފޮނުވާލައިފި އެވެ.
އަލީ ވަހީދު ރޭ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ރަހީނުންގެ ގޮތުގައި މަޝްވަރާ ކުރުމަކީ މޮޔަ ކަމެއް ކަމަށެވެ. އަދި އެނގި ތިބެ ވަގު މިޔަރެއްގެ އަނގައަށް އެރުމަށްވުރެ ފަތާލަ ފަތާލާ ތިބުންވެސް މާ ބުއްދިވެރިކަމަށް އޭނާ އިތުރުކޮށްފައިވެއެވެ.
އިނގިރޭސި ވިލާތަށް އަމިއްލައަށް އަރުވާލެވިގެން ހުންނެވި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ވަހީދަކީ ރައީސް ޔާމީނަށާއި މިސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.
ސަރުކާރުގެ ފަރާތުން ފިޝަރީޒް މިނިސްޓަރު މިދިޔަ ހަފްތާގެ ބުދަ ދުވަހު އިދިކޮޅު ފަރާތްތަކަށް ގައުމުގެ މައްސަލަތައް ހައްލުކުރުމަށް އެއް މޭޒަކަށް އައިސް، މަޝްވަރާ ކުރުމަށް ދައުވަތު އަރުވައި މައްސަލަތައް ބަޔާންކޮށް މަޝްވަރާއަށް އައުމަށް 7 ދުވަހުގެ މުހުލަތެއް ދިނުމުން އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރުގެ ދައުވަތަށް ޖަވާބުދާރީ ނުވެފައެވެ.