އެމެރިކާގެ ޓެކްސަސް އަދި ލުއީސިއާނާއަށް އެރި ތޫފާން ހާވީގައި ލިބުނު ގެއްލުންތައް ފޫބައްދައި، ރަށް އާރާސްތުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެގައުމުގެ ކުރީގެ 5 ރައީސުން އެކުގައި ކެމްޕޭނެއް ފަށައިފިއެވެ.
އެމެރިކާގެ ރައީސްގެ މަގާމު ފުރުއްވާފައި ތިިބި 5 ރައީސުން ދުނިޔޭގައި ތިބިއިރު އެ ފަސް ރައީސުންވެސް ވަނީ ގުދުރަތީ ކާރިސާގައި ރައްޔިތުންނަށް އެހީތެރިވެދިނުމަށް އަތުގުޅާލާފައެވެ.
ބަރަކް އޮބާމާ އިސްވެ ހުންނަވައި ފެށި މިމަސައްކަތުގައި ޖޯޖް ޑަބްލިއު ބުޝް، ބިލް ކްލިންޓަން، ޖޯޖް ހާބަޓް ވޯކާ ބުޝް އަދި ޖިމީ ކާޓާވެސް ވަނީ ބައިވެރިވެފައެވެ. "ވަން އެމެރިކާ އެޕީލް" ގެ ނަމުގައި ފެށި މިކެމްޕޭނުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހާލުގައި ޖެހުނު ރައްޔިތުންނަށް އެހީތެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.
ފަސް ރައީސުން ބައިވެރިވެ އާންމުކުރި ވީޑިއޯގައި ހުރިހާ އެންމެން ޓެކްސަސްއާ އެކުގައި ތިބި ކަމަށާއި ރައްޔިތުންނަށް ހިތްވަރު ދިނުމުގެ މެސެޖުތައް ދީފައިވެއެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ފަހަތަށް ނުޖެހޭނެ ކަމަށާއި ރައީސުންނާ އެކުގައި ހުންނެވި ކަމަށް ބުނެ ޓުވީޓުކޮށްފައެވެ.