މާލޭ ސަލްޓަން ޕާކު ހުރި ތަނުގައި އަލުން ފަރުމާކޮށް ހުޅުވި ރަސްރަނި ބަގީޗާއަށް ވަނުމަށް ދިވެހި ސަރުކާރުން ބިދޭސީންގެ އަތުން ފީއެއް ނެގުމަށް ނިންމި ނަމަވެސް ދިވެހިންނާ އިނދެގެން އުޅޭ ބިދޭސީން އެއަށް އިސްތިސްނާ ވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.
ސަރުކާރުން ބިދޭސީންގެ ތެރެއިން ރަސްރަނި ބަގީޗާ ބެލުމަށް ވަންނަ މީހުންގެ އަތުން 75ރ. އާދައިގެ ދުވަހުގައި ނަގާއިރު ހަފްތާ ބަންދު ދުވަހެއްގައި ނުވަތަ ރަސްމީ ބަންދު ދުވަހެއްގައި ބަގީޗާއަށް ވަންނަ ބިދޭސީންގެ އަތުން 100ރ. ނެގުމަށް ނިންމާފައިވެއެވެ.
ނަމަވެސް މިއަދު ހައުސިންއިން މިމައްސަލައާ ބެހޭ ގޮތުން އިތުރަށް މައުލޫމާތު ދެމުން އަންގާފައިވަނީ ދިވެހި ރައްޔިތަކާއި ސައްހަ ކައިވެންޏެއް ކޮށް ވިސާ އޮތް ބިދޭސީ މީހަކަށް ދިވެއްސެކޭ އެއްފަދައިން ރަސްރަނި ބަގީޗާއަށް އާއިލާ ނުވަތަ ދެމީހުންގެ ދަރިންނާއެކު ވަދެވޭނެ ކަމަށެވެ.
ސަރުކާރުން ބިދޭސީންގެ އަތުން ބަގީޗާ ބަލާލުމަށް ވަނުމަށް ފީ ނެގުމުން ބައެއް މީހުން ވަނީ އެނިންމުމާމެދު ނުރުހުން ފާޅުކޮށްފައެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އާންމުކޮށް މިފަދަ އުސޫލެއް ބިދޭސީންނާ މެދު ނުގެންގުޅޭ ކަމަށް އާންމުން ވަނީ ފާހަގަކޮށްފައެވެ.