Last Updated: June 9, 06:10
Tuesday, June 9, 2026
ރިޕޯޓް

އަނިޔާވެރި މަރުގެ މައްސަލަތައް ބަހައްޓާ؛ މުހިއްމީ ސިޔާސީ ދައުވާތައް!

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އަލީ އަބްދުﷲ(ވާތްފަރާތުގައި). އަދި "ސިޔާސީ" ދައުވާ އުފުލާފައިވާ ހިތަދޫގެ 2 މަޖިލިސް މެންބަރުން. އަލީ އަބްދުﷲ އަށް އިންސާފު ނުލިބި ދިގުލައިގެން ވަނީ ގޮސްފައި.

ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަށް ފާޑުކިޔާ އެންމެ ގިނަ ބަޔަކު ފާހަގަކުރާ އެއް ކަމަކީ އެ ނިޒާމުގެ ތެރެއިން ނިކަމެތިންނަށް އިންސާފު ނުލިބުމެވެ. ދައުލަތުގެ އިސްވެރިންނާއި ނުފޫޒުގަދަ މީހުންގެ މައްސަލަތަކަށް ޚާއްސަ ގޮތްތަކެއް ހަމަޖެހިގެންދާ ކަމުގެ ޝަކުވާ ރައްޔިތުން ކުރަމުން ގެންދާތާ އެތައް އަހަރެއް މިވަނީ ވެފައެވެ.

ސަބަބުތަކެއް ނެތިއެއް ނޫނެވެ. ޝަރުޢީ ނިޒާމުގެ ތެރެއިން އާދައިގެ ރައްޔިތުންނަށް އިންސާފު ލިބުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުން ދިއުމުގެ ސަބަބުންނެވެ. ވަކިން ޚާއްސަ ގޮތެއްގައި މައްސަލަތައް ކޯޓުގައި ކުރިއަށްދާ ސްޕީޑު ލަސްވުމުގެ މައްސަލަތަކެވެ.

2016 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ހިތަދޫގެ ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ލިބިފައިވާ ވިޔަފާރިވެރިރާ އަލީ އަބްދުﷲ މަރާލިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެހެން ނަމަވެސް އެ މައްސަލައިގައި އެ އާއިލާއަށް އިންސާފެއް ނުލިބެއެވެ.

އަލީ އަބްދުﷲގެ މަރުގެ މައްސަލައިގެ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އަލީ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ވަރުގަދަ ހެކިތައް ހުރި ކަމަށް ވެއެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުގައި ބޭއްވި އެންމެ އަޑު އެހުމަކާއި ހިސާބުން އެ މައްސަލައިގެ ޝަރީޢަތް ވަނީ ހުއްޓިފައެވެ.

އަލީ އަބްދުﷲ ނިޔާވުމުން ހުވަފަތްވެފައިވާ އޭނާގެ އަނބިމީހާ އާއި ޔަތީމުވެފައިވާ އަންހެން ދަރިފުޅު އާދޭސް ކުރަމުން ގެންދަނީ، އިންސާފު ހޯދައިދިނުމަށް އެދިއެވެ. އެހެން ނަމަވެސް އެ އަޑުތައް ދައުލަތުގެ މުއައްސަސާތަކަށް އިވޭހެން ހިއެއް ނުވެއެވެ.

ސަބަބަކީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އަލީ މަރާލި މައްސަލައިގެ ޝަރީޢަތުގެ އެންމެ އަޑުއެހުމެއް ނޫނީ ބާއްވާފައި ނުވުމެވެ.

އަލީގެ މަރުގެ މައްސަލަ ހަލުވި ސްޕީޑެއްގައި ކުރިއަށް ނުދިޔަ ނަމަވެސް، އަލީ ނިސްބަތްވާ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި އަލީގެ އަންހެނުންގެ ދާއިރާގެ މެންބަރު އިބްރާހިމްދީދީގެ މައްޗަށް "ރޮކެޓް ސްޕީޑް"ގައި ދައުވާ އުފުލައި ޝަރީޢަތް ވަނީ ފަށާފައެވެ.

ސިޔާސީ ބައެއް ފަރާތްތަކުން ބުނާގޮތުން ނަމަ "އިސާހިތަކު އެމީހުންގެ މައްޗަށް ބޭއިންސާފު ހުކުމެއް" އިއްވާފާނެއެވެ.

ސިޔާސީ މީހުންގެ މައްޗަށް ދައުވާ އުފުލުމަކީ މައްސަލައެއް ނޫނެވެ. ކުށެއް ކޮށްފިނަމަ އެމީހުންގެ މައްޗަށް ވެސް ޤާނޫނު ހިނގަން ވާނެއެވެ.

އެހެން ނަމަވެސް އެމީހުންގެ މައްޗަށް ކުރެވޭ ދައުވާތައް ކުރިއަށް ގެންދާ ހަލުވި ސްޕީޑްގައި މީހުންގެ ފުރާނަ ދުއްވާލާ މުޖުރިމުންގެ މައްސަލަތައް ނުބެލެންޏާ އެއީ މައްސަލައެކެވެ. ރައްޔިތުން އެކަމާއި ޝަކުވާ ކުރާނެއެވެ. އަދި އަދުލު އިންސާފު ޤާއިމް ކުރުމުގެ ބާރުގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފައްދާނެއެވެ.

އެކަން ހުއްޓުވުމަށް ފުލުފުލުގައި ކިތަންމެ ނޫސް ބަޔާނެއް ނެރުނަސް ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް ނާންނާނެއެވެ. އިޚްތިރާމެއް އަދި އިތުބާރެއް ނުލިބޭނެއެވެ.

ރައްޔިތުންގެ އިތުބާރާއި އިޚްތިރާމް ހޯދަން ބޭނުންނަމަ އޮތީ އެންމެ ގޮތެވެ. އެމީހުންނަށް ވެސް އިންސާފު ލިބޭނެ މަގު ފަހި ކޮށްދިނުމެވެ. އެކަމަށް ހުރި ހުރަސްތައް ނައްތާލުމެވެ.