އިޒްރޭލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތެންޔާހޫގެ އަނބިކަނބަލުން ސާރާ ނަތެންޔާހޫގެ މައްޗަށް ތުހުމަތު ކުރެވޭ ޚިޔާނާތުގެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް އެގައުމުގެ ބަންޑާރަ ނައިބުގެ އޮފީހުން ތައްޔާރުވާން ފަށައިފިއެވެ.
ސާރާ ނަތެންޔާހޫގެ މައްޗަށް ތުހުމަތުކުރެވޭ ދެ މައްސަލައެއް ފެންމަތިވެފައިވާއިރު އެއް މައްސަލައަކީ ކޮރަޕްޝަނުން އަގުބޮޑު އެއްޗެހި ގަނެފައިވާ މައްސަލައެވެ. އަނެއް މައްސަލައަކީ އޭނާގެ ދަށުން މަސައްކަތް ކުރި މުވައްޒަފަކަށް އަނިޔާކުރި މައްސަލަކަމަށް "ދަ އެޓްލާންޓިކް" އިން ރިޕޯޓުކޮށްފައިވެއެވެ.
މިމައްސަލަތަކާއި ގުޅިގެން އިޒުރޭލުގެ ބަންޑާރަ ނައިބު ބުނެފައިވަނީ ސާރާގެ މައްޗަށް ދައުވާ ކުރާނެ ކަމަށެވެ. 102،000 އެމެރިކާ ޑޮލަރު އޭނާ ދައުލަތުގެ ފައިސާއިން އަމިއްލަ ބޭނުމަށް ޚަރަދުކޮށްފައިވާކަން އެނގިފައިވާ ކަމަށާއި އެކަމާއި ގުޅިގެން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.
ނަމަވެސް ނަތެންޔާހޫ އަދި އަނބިކަނބަލުންވެސް ވަނީ ތުހުމަތުތައް ދޮގުކޮށްފައެވެ. އެމީހުން ބުނެފައިވަނީ އަމިއްލަ ބޭނުމަށް ޚަރަދުކޮށްފައިނުވާނެ ކަމަށާއި އެއީ ރައީސް އޮފީހުން ލިޔެކިޔުން ބަލަހައްޓާ ކަންތައް ކަމަށެވެ.