މިރޭ މާލޭގެ އިމާރާތެއްގެ ހަތަރުވަނަ ބުރިން ފުންމާލި ޒުވާނަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ. އައްޑޫލައިވް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަތަރުވަނަ ބުރިން ފުންމާލައިގެން ފަރުވާ ދެމުން އަންނަނީ މީދޫ، ހެޕީވިލާ، އަހުމަދު ނާޒިމްއެވެ.
ނާޒިމްގެ އާއިލާގެ މެމްބަރަކު މިރޭ "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ބުނީ ނާޒިމް ހަތަރުވަނަ ބުރިން ފުންމާލައިގެން އުޅެނީ އޭނާ ގެއިން ބޭރަށް ދާން އުޅުމުން އާއިލާއިން ހުރަސްއެޅުމުން ބެލްކަނިއަށް ނިކުމެ އެތަނުގައި ހުރި ހޮޅިއަކުން ފައިބަން އުޅެފައެވެ.
"ގެއިން ބޭރަށް ނިކުތުމަށް އުޅުމުން އާއިލާއިން ހުރަސް އެޅީ، ދެން ބެލްކަނިއަށް ނިކުތީ، ދެން ނޭގެ ވީގޮތެއް" އާއިލާގެ މެމްބަރު ބުންޏެވެ.
އޭނާ ބުނީ ނާޒިމް ފުންމާލުމުން ބިންމަތީގައި ޖެހިފައިވަނީ ކޮޅަށް ކަމަށެވެ. އަދި އޭނާގެ ފަޔާއި ބުރަކަށީގެ ކަށިތައް ބިނދިފައިވާކަމަށެވެ. އަދި އުނަގަނޑު ގުޑާފައިވާ އިރު ހަށިގަނޑުގެ ބައެއް ތަންތަން ވަނީ ޒަހަމްވެފައެވެ.