ޙައްގު ނޫން ދައުވާތައް ކޮށް ޙައްގު ނޫން އަދަބު ދިނުން ބަލައިނުގަންނާނެ ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވައްޑެ މިހެން ވިދާޅުވެފައިވަނީ މިއަދު އިދިކޮޅު މެމްބަރުން ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެވެ. ވައްޑެ ވިދާޅުވެފައިވަނީ ގާސިމް އިބްރާހިމަށާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސްއާމެދު އަދުލު އިންސާފުން އެއްކިބާވެ އަމަލުކޮށްފައިވާ ކަމަށެވެ.
ގާސިމް އިބްރާހިމްގެ ބޭސް ފަރުވާ ރާއްޖެއިން ބޭރުން ކުރުމަށް ފޮނުވާދިނުމަށް ކޯޓުން އަމުރުކުރުމުން ކަމާ ބެހޭ ފަރާތްތަކުން "ޕްރޮސީޖާ ފޮލޯ" ކުރުމަށް ކަމަށް ބުނެ އެމަނިކުފާނުގެ ބޭސް ފަރުވާ ކޯޓު އަމުރާއި ޚިލާފަށް ލަސްކޮށްފައިވާ ކަމަށް ވައްޑެ ވަނީ ފާހަގަކޮށްފައެވެ.
އަދި ފާރިސްގެ މައްސަލާގައި އެންމެ ފުރަތަމަ ފާރިސް ހައްޔަރުކުރި މައްސަލަ އެއްކައިރިކޮށް، ރިޝްވަތު ދިން ކަމުގެ ތުހުމަތު އުފުލައި، ދައުވާ ކުރަން ފޮނުވިއިރު ރިޝްވަތު ހިފި ކަމުގެ މައްސަލައަށް ބަދަލުވެފައިވާކަމުންވެސް ފާރިސްއާ މެދު ކަންތައް ކުރައްވަމުން ގެންދަނީ އިންސާފުން ނޫން ކަން އެނގޭ ކަމަށް ވައްޑެ ވިދާޅުވިއެވެ.
މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް އެންމެ ތަންފުކެއްވެސް ދޫނުކޮށް ކުރިއަށްދާ ކަމަށެވެ.
އަދި ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން އިދިކޮޅު ފަރާތްތަކާއި ގުޅުނު މެމްބަރުން ތިބީ ވަރަށް ސާބިތުކަމާއެކު ކަމަށާއި ވަރަށް ކައިރި މުސްތަގުބަލުގައި އިތުރު މެމްބަރުން ގުޅިގެން އަންނަތަން ފެނިގެންދާނެ ކަމަށް ލަތީފް އިތުރުކޮށްފައިވެއެވެ.