Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

އެންމެ ފުރަތަމަ އިސްތިއުފާ ދޭން ޖެހޭނީ ޔާމީން: ލަތީފް

މެމްބަރުންނަށް މަގުދެއްކެވުމުގެ ބަދަލުގައި އެންމެ ފުރަތަމަ އިސްތިއުފާ ދޭންވީ ރައީސް އަބްދުﷲ ޔާމީން ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މެމްބަރުކަން ގެއްލިފައިވާ ކަމަށް ފުރަތަމަ ކަނޑައެޅި ހަތަރު މެމްބަރުން ކަމަށްވާ، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތް، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވެފައިވަނީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ގިނަ ބަޔެއްގެ އެހީތެރިކަމާ އެކުގައި ކަމަށެވެ.

އެހެންކަމުން މެމްބަރުން އަމިއްލައަށް އިސްތިއުފާ ދީފައި ކެރޭނަމަ އަމިއްލައަށް ވާދަކުރަންވީތޯ ނާއްސަވައި ރައީސް ޔާމީން އަމިއްލައަށް އިސްތިއުފާ ދެއްވުމަށްފަހު އަމިއްލައަށް އިންތިޚާބުވާންވީ ނޫންތޯ ލަތީފް ވަނީ ސުވާލުކޮށްފައެވެ. ރައީސް އިސްތިއުފާ ދެއްވައިފިނަމަ މެމްބަރުންވެސް އިސްތިއުފާ ދިނުމަށްފަހު އަލުން އިންތިޚާބުގައި ވާދަކުރެއްވުމަށް ތައްޔާރުކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކުރީގެ ނައިބު ރައީސް އަދީބު ފައިސާއިން ޚިޔާނާތްތެރިވި ވާހަކަ ދައްކާއިރު އަދީބު އެންމެ ބޮޑަށް ޚަރަދު ކޮށްފައިވަނީ ރައީސް ޔާމީން ހޮވުމަށް ކަމަށާއި ފައިސާއިން ޚިޔާނާތްތެރިވެފައިވާނަމަ އެފައިސާ ޚަރަދުކޮށްފައިވާނީ ރައީސް ޔާމީނަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.