އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ އައްޑޫގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް "ގްލޯބަލް ލިންކްސް ޗެލެންޖް 2013" ގެ ގުރުލުން ރޭ ބާއްވައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މީޓިން ރޫމްގައި ބޭއްވި ގުރުލުމުގައި މުބާރާތުގައި ބައިވެރިވި ހަ ޓީމުން ވަނީ ބައިވެރިވެފައެވެ. ކުރިން ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މުބާރާތް މިހާރު ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ލީގު އުސޫލުންނެވެ.
މުބާރަތުގެ އިންތިޒާމު ކޮމެޓިން ބުނީ މި ބަދަލު ގެންނަން ޖެހުނީ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވާން ކައިރިވެފައި ވަނިކޮށް ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރި ދެ ޓީމަކަށް މުބާރާތުގައި ބައިވެރި ނުވުމާ ގުޅިގެން ޓީމްގެ އަދަދު ހައެކަށް ތިރިވެ ގްރޫޕްތަކަށް ބަހާލުމުން މެޗްތައް މަދުވެ މުބާރާތުގެ ފޯރި ކުޑަ ވެދާނެތީ އެެވެ.
"އަޅުގަނޑުމެން ޓީމުތަކުގެ މެނޭޖްމަންޓާ މަޝްވަރާ ކޮށް ލީގު އުސޫލަށް މި ބަދަލު ކުރީ. މިގޮތަށް ހެދުމުން ހުރިހާ ޓީމުތަކަށް ވެސް ފުރުސަތު ބޮޑުވެގެންދާނެ، ގްރޫޕްތަަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފިއްޔާ ޓީމަކަށް މި ލިބެނީ ދެ މެޗް،" އޮގަނައިޒިން ޓީމުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑް އިން އިސްނަ ގައިގެން އައްޑޫގެ ފުޓްބޯޅަ ކުރިއެރުވުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މުބާރާތުގައި މިހާރު ބައިވެރިވެފައިވާ ޓީމުތަކަކީ ހިތަދޫ މަލްޓީ ޖީނިއަސް، ހިތަދޫ ޔަޝީ، ހިތަދޫ ރިވަރިން ސްޕޯޓްސް، އަދި ހިތަދޫ އެމްސީ ޔުނައިޓެޑްގެ އިތުރުން މަަރަދޫ ޔުނައިޓެޑް އާއި ފޭދޫ ދި ފޭދޫ ޓީމެވެ.
އަންނަ ހުކުރު ދުވަހު ފަށާ މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ ރިވަރިން ސްޕޯޓްސް އާއި ޔަޝީއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 100،000ރ. ހުށަހަޅާފަ އެވެ.