ރައީސް ޔާމީން މިވެރިކަމުގައި ފުއްދުމަށް ވައުދުވީ ތެޔޮ ހޯދުމުގެ މަސައްކަތް ފެށުމަށް ކަމަށާއި އެމަނިކުފާނުވަނީ އެ ވައުދު ފުއްދާފައި ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ޑރ. ޝައިނީގެ ރޭ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ މި ފަސް އަހަރުގެ ދައުރުގައި ރައީސް ވައުދުވެލެއްވީ ރާއްޖެއިން ތެޔޮ ނަގާކަށް ނޫން ކަމަށާއި އެހެންނަމަވެސް ތެޔޮ ހޯދުމުގެ މަސައްކަތް ފެށުމަށް ކަމަށެވެ.
އަދި އެ ވައުދު ވަނީ ފުއްދާފައި ކަމަށާއި ތެޔޮ ރާއްޖޭގައި ހުރެއްޖެނަމަ ތެޔޮ ހޯދުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިސަރުކާރުން ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
"ސަރުކާރުން ވައުދުވީ ފަސް އަހަރުގެ ތެރޭގައި ތެޔޮ ނަގާކަށް ނޫން. އެކަމަކީ ފަސް އަހަރުގެ ތެރޭގައި ކުރެވޭނެ ކަމެއް ވެސް ނޫން. ސަރުކާރުން ރިޔާސީ ވައުދުގައި ބުނެފައި އޮންނާނީ ރާއްޖޭގައި ތެޔޮ ހުރި ކަމަށްވާނަމަ ތެޔޮ ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނަމޭ. އެހެންވީމަ މިހާރު އެމަސައްކަތް ކޮށްފި"
ރައީސް ޔާމީންގެ ރިޔާސީ ވައުދެއް ކަމަށްވާ ތެޔޮ ހޯދުމުގެ މަސައްކަތް ފެށުމުގެ އިތުރުން ދެކުނާއި އުތުރުގައި ހަތަރު ތެޔޮ ބަންކަރު ގާއިމުކޮށް ދުނިޔޭގެ ބާޒާރުގައި ތެޔޮ އަގުހެޔޮވާ އިރު ގަނެ ރައްކާ ކުރުމަށް އެކަށީގެންވާ ހަރުދަނާ މަސައްކަތެއް ކޮށްފައިނުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ ގިނަ ވައުދުތައް އަދިވެސް ފުއްދިފައިނުވާ ކަމަށާއި ރައީސް ޔާމީނަށް މި ފަސް އަހަރުގެ ދައުރުގައި ކުރެވުނުހާވެސް ކަމަކީ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއުތައް ނިންމާލުން ކަމަށް އެމްޑީޕީން ވަނީ މީގެ ކުރިން ބުނެފައެވެ.