ރައީސް އަބްދުﷲ ޔާމީން ހުންނެވީ އަނިޔާކުރެއްވުމަށް ފެންބޮވައިގަނެފައި ކަމަށް އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއިލް މިހެން ވިދާޅުވެފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ، ކޮންމެވެސް އެއް ސިފައެއްގައި އަނިޔާވެރިކަމެއް ޖަސްޓިފައިކޮށް ނުލާ އެމަނިކުފާނަށް އަވަހާރަފުޅުވެސް ނުލެއްޕެވޭ ހާލަތަށް އެމަނިކުފާނުގެ އަނިޔާކުރުމުގެ "އެޑިކްޝަން" ގޮސްފައިވާ ކަމަށެވެ.
"އަނިޔާވެރިކަމެއް ކޮންމެވެސް އެއް ސިފައެއްގައި ޖަސްޓިފައިކޮށް ނުލާ އެމަނިކުފާނަށް އަވަހާރަފުޅުވެސް ނުލެއްޕެވޭ ހާލަތަށް އެމަނިކުފާނުގެ އެޑިކްޝަން އަނިޔާކުރުމަށް އަދި އަނިޔާ ޖަސްޓިފައި ކުރުމަށް އެމަނިކުފާނުގެ މިހުންނަ ފެންބޮވައިގަނެފައިވާ މިންވަރު އެބަ ވަރަށް ރަނގަޅަށް ހާމަވޭ"
ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާންގެ މައްސަލަ އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އާއި ބެހޭ ގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތައް މީކާއިލް ސިފަކޮށްފައި ވަނީ، އަނިޔާވެރިކަން "ޖަސްޓިފައި" ކުރެއްވުން ކަމަށެވެ.