Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

އެއްވެސް މީހެއްގެ ރިޒްޤުގައި ސަރުކާރަށް އަތެއް ނޭޅޭނެ: މައުމޫނު

ސަރުކާރު ދެކެ އެއްވެސް ވަރަކަށް ޖެހިލުން ވާން ނުޖެހޭ ކަމަށާއި ސަރުކާރަށް އެއްވެސް މީހެއްގެ ރިޒްޤުގައި ސަރުކާރަށް އަތް ނޭޅޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްުޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫނު މިހެން ވިދާޅުވެފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ކުނޫޒުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ކީރިތި ޤުރުއާނުގެ އާޔަތްތަކުން ދަލީލު ނަންގަވައި މައުމޫނު ވަނީ ސަރުކާރު ދެކެ އެއްވެސް މީހަކު ޖެހިލުން ނުވުމަށް ގޮވާލައްވާފައެވެ. އަދި އެއްވެސް އިންސާނަކު އެހެން އިންސާނަކު ދެކެ ބިރުގަންނަން ނުޖެހޭ ކަމަށް މައުމޫން ވިދާޅުވިއެވެ.

"އެއްވެސް މީހެއްގެ ރިޒްޤުގައި ސަރުކާރަށް އަތެއް ނޭޅޭނެ.އެއްވެސް މީހަކަށް ލިބެން އޮތް ނިޢުމަތެއް ސަރުކާރަކުން މަނައެއް ނުކުރެވޭނެ. އެއްވެސް މީހަކަށް ލިބެން އޮތް ބަދު ނަސީބެއް ސަރުކާރަކުން މަނައެއް ނުކުރެވޭނެ"

މީގެ އިތުރަށް ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މައުމޫން ވަނީ އެމަނިކުފާނުގެ ގާތް ބޭފުޅުން އެހެން ގައުމުތަކުގެ އިސް މަގާމުތަކުގައި އެބަތިއްބެވި ކަމަށާޢި އެބޭފުޅުންގެ އެހީތެރިކަމާ އެކު ނަތީޖާ ނެރެވޭނެ ކަމަށް ވިދާޅުވެ ސަރުކާރަށް އިންޒާރު ދެއްވާފައެވެ.

މައުމޫނު ވިދާޅުވީ ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީތެރިކަން ލިބިވަޑައިގަންނަވާ ކަމަށާއި އެކަމަކު ނަތީޖާ އެހާ އަވަހަށް ނުފެނިދާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމަށް ކެތްތެރިވާން ޖެހޭ ކަމަށް މައުމޫން ވިދާޅުވި އެވެ