ޚަބަރު

ޔުނައިޓެޑަށް ސްޓޯކް އަތުން ޕޮއިންޓެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ސްޓޯކް ސިޓީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ ޔުނައިޓެޑުގެ %100 މޮޅު ރެކޯޑު ނިމުމަކަށް އައިސްފިއެވެ.

ސީޒަނުގެ ފުރަތަމަ ތިން މެޗު ފަސޭހަކަމާއެކު ކޮޅަށް ގޯލެއް ނުވައްދާ ޔުނައިޓެޑުން ކާމިޔާބުކޮށްފައިވިނަމަވެސް ސްޓޯކްގެ ދަނޑުގައި ކުޅުނު މިމެޗަށް ޔުނައިޓެޑު ނިކުމެފައިވަނީ މެޗު އުނދަގޫ ވާނެ ކަމަށް ބަލައިގެންނެވެ.

ފުރަތަމަ ހާފުގެ ބޮޑުބައި ޔުނައިޓެޑުން ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް ސްޓޯކުން ވަނީ ހާފު ނިމެން ކައިރިވެފައިވަނިކޮށް ލީޑު ނަގާފައެވެ. ނަމަވެސް ޔުނައިޓެޑުން ވަނީ ސްޓޯކަށް ލީޑު ހިފެހެއްޓުނަ ނުދީ ގިނައިރުތަކެއް ނުވެ ގޯލު ޖަހާފައެވެ. ސްޓޯކްގެ ލަނޑު ޖަހާފައިވަނީ ޗުޕޯއެވެ. ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރަޝްފޯޑެވެ.

ދެވަނަ ހާފުގައި ލުކާކޫގެ ގޯލަކާއެކު ޔުނައިޓެޑުން ލީޑު ނެގި ނަމަވެސް ޗުޕޯ ވަނީ މެޗުގައި ދެވަނަ ފަހަރަށް ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަތީޖާއަށް އިތުރު ބަދަލެއް ގެނައުމަށް ދެޓީމުންވެސް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތެއް ނުވެ މެޗު ނިމިގެން ގޮސްފައެވެ.

އިއްޔެ ޕްރިމިއާ ލީގުގައި ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު މެންޗެސްޓާ ސިޓީ ވަނީ ފަސޭހަކަމާއެކު 0-5 އިން ލިވަޕޫލްގެ މައްޗަށް ކުރި ހޯދާފައެވެ. އަގުއޭރޯ އާއި ޖީސޫސް އަދި ލިރޮއި ސަނޭގެ ގޯލުތަކުން ގުއާޑިއޯލާގެ ޓީމަށް ފަސޭހަ މޮޅެއް ލިބިފައިވާއިރު ލިވަޕޫލްގެ ފޯވާޑް މަނޭއަށް ރެފްރީ ވަނީ ފުރަތަމަ ހާފުގައި ރަތް ކާޑު ދައްކާފައެވެ.

މަނޭގެ ރަތް ކާޑަށްފަހު ސިޓީ އިން ލިވަޕޫލް ކޮޅަށް ގޯލު އޮއްސާލާފައިވާއިރު ރޭގެ މެޗުގައި ގެބްރިއަލް ޖީސޫސް އަދި ލިރޮއި ސަނޭ ވަނީ ކޮންމެ ކުޅުންތެރިޔަކަށް ދެ ލަނޑު ޖަހާފައެވެ.

އެންމެ ފަހަކަށް ކުޅުނު ދެ މެޗުން ބަލިވި އާސެނަލް ވަނީ ފަސޭހަ ކަމާއެކު 0-3 އިން ބޯންމައުތް ބަލިކޮށް ތާވަލުގެ ތަންކޮޅެއް ކުރިއަށް ޖެހިލާފައެވެ. ޑެނީ ވެލްބެކްގެ ދެ ގޯލާއި އެސިސްޓެއް ރޭގެ މެޗުގައި ފެނިގެން ގޮސްފައިވާއިރު އާސެނަލް އިން ދެން ގޯލު ޖަހާފައިވަނީ ކުލަބުން ރެކޯޑު އަގަކަށް ގެނައި ލަކަޒެޓްއެވެ.

ޗެލްސީވެސް ވަނީ ލެސްޓާއާ ދެކޮޅަށް ކުޅުނު މެޗު 1-2 އިން ކާމިޔާބުކޮށް ހަމަޖެހިލާފައެވެ. މޮރާޓާ އަދި ކަންޓޭގެ ގޯލުން ޗެލްސީ ލީޑުގައި އޮތްވާ ލެސްޓާ އިން ގޯލެއް ޖަހާފައިވަނީ ލިބުނު ޕެނަލްޓީއަކުން ޖޭމީ ވާޑީއެވެ. މެޗުން މޮޅުވެ ލިބުނު 7 ޕޮއިންޓާއެކު ޗެލްސީ ވަނީ ލީގު ތާވަލުގެ 3 ވަނައަށް ޖެހިލާފައެވެ.

އެއްވަނައިގައި 10 ޕޮއިންޓާއެކު އޮތީ ޔުނައިޓެޑެވެ. ސިޓީ ދެވަނައިގައި އޮންނަން ޖެހިފައިވަނީ ގޯލުގެ ތަފާތުންނެވެ. ހެރީ ކޭންގެ ދެ ލަނޑާއެކު ރޭ އެވަޓަން ބަލިކުރި ސްޕާސް އޮތީ 7 ޕޮއިންޓާއެކު ލީގު ތާވަލުގެ 5 ވަނައިގައެވެ. 8 ޕޮއިންޓާއެކު 4 ވަނަ ލިބިފައިވަނީ ވަޓްފޮޑްއަށެވެ.