ކުޅިވަރު

މެސީގެ ހެޓްރިކާއެކު ބާސާއަށް ފަސޭހަ މޮޅެއް

ސްޕެނިޝް ލީގުގައި ބާސެލޯނާ އަދި އެސްޕަނިޔޯލް ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 0-5 އިން ބާސާ ކާމިޔާބުކޮށްފިއެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗުގައި މެސީ ވަނީ ހެޓްރިކު ހަދާފައެވެ. މެސީގެ 42 ވަނަ ހެޓްރިކާއެކު ބާސާއަށް ފަސޭހަ މޮޅެއް ލިބިފައިވާއިރު ކުޅުނު ތިން މެޗުން މޮޅުވެ ބާސާ ވަނީ ތާވަލުގެ އެއްވަނައިގައެވެ.

މެޗުގެ 26 ވަނަ މިނެޓުގައި މެސީގެ ފުރަތަމަ ގޯލާއެކު ބާސާ ވަނީ ކޮންޓްރޯލް ނަގާފައެވެ. 35 ވަނަ މިނެޓުގައި އޭނާގެ ދެވަނަ ލަނޑު ފެނިގެން ގޮސްފައިވާއިރު ތިންވަނަ ލަނޑު ޖަހާފައިވަނީ 67 ވަނަ މިނެޓުގައެވެ.

ބާސާގެ ހަތަރު ވަނަ ގޯލު 87 ވަނަ މިނެޓުގައި ޑިފެންޑަރު ޕީކޭ ޖަހާފައިވާއިރު 90 ވަނަ މިނެޓުގައި ފަހު ލަނޑު ފެނިގެން ގޮސްފައިވަނީ އުސްމާން ޑެމްބޭލޭގެ އެސިސްޓަކުން ލުއިސް ސުއަރޭޒްގެ ފަރާތުންނެވެ.

ރޭ ރެއަލް މެޑްރިޑާއި ލެވަންޓޭ ބައްދަލުކުރި މެޗު ވަނީ 1-1 އިން އެއްވަރުވެފައެވެ. ޖެހިޖެހިގެން ދެ މެޗުން ރެއާލް އެއްވަރުވެ ތާވަލުގެ 5 ވަނައަށް ޒިދާންގެ ޓީމު ވަނީ ވެއްޓިފައެވެ. ލީގު ތާވަލުގެ ދެވަނައިގައި ސެވީއާ 7 ޕޮއިންޓާއެކު އޮތްއިރު ތިންވަނައިގައި އޮތީ ރެއާލް ސޮސީޑާޑްއެވެ.