ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އިން ޓޫރިސްޓުންނަށް ކަލްޗްރަލް ޓުއާތަކެއް ތައާރަފްކޮށްފި އެވެ.
އެ ރިސޯޓުން އަލަށް ތައާރަފްކޮށްފައި ވަނީ އައްޑޫގެ ތާރީހާއި ސަގާފަތާއި އާދަކާދަތައް ޓޫރިސްޓުންނަށް ވީހާ ވެސް ގާތުން، ފަސޭހަކަމާ އެކު ދައްކުވައި ދެވޭ ކަހަލަ ޓުއާތަކެއް ކަމަށް ވެސް ރާއްޖޭގައި ހިންގާ އެންމެ ފެންވަރު ރަނގަޅު ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ޝަންގްރިއްލާ ރިސޯޓުން ބުންޏެވެ.
އަލަށް ތައާރަފް ކުރި ޓުއާތަކުގެ ތެރޭގައި ހިމެނެނީ "ހިސްޓޮރިކަލް ޓުއާ" އާއި "އައްޑޫ ސިޓީ ޓުއާ ބައި ބައިސްކަލް" އާއި "މީދޫ ފާމްސް ޓުއާ" އެވެ. މީގެ އިތުރުން ވެސް އާ ޕެކެޖްތަކެއް ވަނީ ތައާރަފްކޮށްފަ އެވެ.
އަލަށް ތައާރަފް ކުރި ޕެކެޖްތަކުގެ ތެރޭގައި ހިމެނެނީ "ވިލިގިލި ނޭޗަ ވޯކް" އާއި "މޯލްޑިވިއަން ޖާނީ" އެވެ.
ޝަންގްރިއްލާ އިން ބުނީ ޓޫރިސްޓުންނަށް އަލަށް ތައާރަފު ކުރި ޓުއާތަކަކީ އެ ރިސޯޓަށް ޗުއްޓީ ހަދާލަން ދާ އާއިލާތަކަށާއި ކަޕްލްތަކަށް ވެސް ހާއްސަ ޓުއާތަކާއި ޕެކެޖްތަކެއް ކަމަށެވެ.
މި ޓުއާތަކާއި ޕެކެޖްތަކުގެ އަގުތައް އުޅެނީ 50-815 ޑޮލަރާ ދެމެދުގެ ރޭޓްތަކެއްގަ އެވެ.