ޚަބަރު

ވިޔަފާރިތަކަށް ހާއްސަ ފޯރަމެއް މި މަހު 23 ގައި އައްޑޫގައި ބާއްވަނީ

އިކޮނޮމިކް މިނިސްޓްރީން ކުދި އަދި މެދު ފަންތޫގެ ވިޔަފާރިތަކަށް ޙާއްސަކޮށްގެން ބާއްވާ "ރީޖަނަލް އެސްއެމްއީ ފައިނޭންސް ފޯރަމް" މި މަހުގެ 23 ވަނަ ދުވަހު ގަމުގެ އީކްއޭޓަ ވިލެޖްގައި ބާއްވަން ނިންމައިފި އެވެ.

މި ފޯރަމަކީ އަލަށް ވިޔަފާރި ފަށަން ޝައުޤުވެރިވާ ފަރާތްތަކަށާއި ވިޔަފާރިއެއް ފަށަން ޝައުޤު ހުރި ނަމަވެސް މާލީ ދަތިކަމުގެ ސަބަބުން ނުފެށި ތިބި ފަރާތްތަކަށާއި މިހާރު ވެސް ކުދި ވިޔަފާރިތައް ހިންގަމުންދާ ފަރާތަތްތަކަށް ބޭނުން ހިފޭނެ މުހިއްމު ވިޔަފާރީގެ އުކުޅުތަކާއި ދެމެހެއްޓެނިވި ވިޔަފާރިއެއް ހިންގާނެ ގޮތުގެ މަޢުލޫމާތު ހިއްސާކޮށް ކުދި ވިޔަފާރިތައް ކުރިއެރުވުމުގެ މަޤްސަދުގައި ބާއްވާ ފޯރަމެކެވެ.

ފޯރަމްގައި ވިޔަފާރީގައި ތަޖުރިބާ ހުރި ފައިނޭޝަން އިންސްޓިއުޝަންތަކުން ބައިވެރި ވާނެ އެވެ.

އެގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފޯރަމްގައި ބައިވެރިވާ ފަރާތްތަކަށް ވިޔަފާރިއެއް ފަށައި ގަނެ ކުރިއަރުވާނެ ގޮތުގެ މުހިއްމު މަޢުލޫމާތުތައް ހިއްސާ ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ވިޔަފާރި ކުރުމަށް ޝައުޤު ހުރި ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ފޯރަމުގައި ބައިވެރިވުމަށް ހިތަދޫގައި ޤާއިމްކޮށްފައިވާ އިކޮނޮމިކް މިނިސްޓްރީގެ ޑެވެލޮޕްމަންޓްގެ ބިޒްނަސް ސެންޓަުގައި ނަން ނޯޓް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.