ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލު މިހާރު ފާސްކޮށްފައި އޮތް ގޮތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަަަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ބިލުގައި ހިމަނާފައި ހުރި ބައެއް އިމްތިޔާޒުތަކަކީ ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް ވެސް ނުލިބޭނެ ފަދަ ބޮޑަތި އިމްތިޔާޒުތަކެއް ކަމަށެވެ. އަދި މަޖިލީހުގެ މެންބަރަކާ މެދު ތުހުމަތެއް ކުރެވި ތަހުގީގެއް ހިންގަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމަށް ފުލުހުންނަށް ހުރަސް އެޅޭނެ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އެއްވެސް މުއައްސަސާއަކުން ކުރާ ކަމަކުން މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އެޅިގެން ނުވާނެ ކަމަށް ބުނެފައި ވާއިރު އެއީ ކޮން މާނައެއްގައި، ކިހިނެއް ބުނެފައި އޮތް އިބާރާތެއް ކަން އެ ބިލުން ސާފު ނުވާ ކަމަށެވެ.
ސީޕީ އިތުރަށް ވިދާޅުވީ އެ ބިލުގައި ހުރި ބޮޑަތި އިމްތިޔާޒުތަކުގެ ސަބަބުން މެންބަރަކު ހައްޔަރު ނުކުރެވޭނެ ކަމުގެ މާނަ ދޭހަވާ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރަކާ މެދު ތަހުގީގެއް ހިންގުމުގެ މާނަ މުޅިން ހެން ގެއްލިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޔާޒް އަދި ވިދާޅުވީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް ބިލްގައި ހުރި މާއްދާތައް ސުޕްރީމް ކޯޓު މެދުވެރިކޮށް ހައްލުކޮށް ދިނުމަށް އޭޖީ އޮފީހުގައި ދަންނަވާފައި ވާނެ ކަމަށެވެ.