ރައީސް ޔާމީނަށް ބޭނުންހާ ގޮތަކަށް ފުލުހުންނާއި ސިފައިންގެ މީހުން ކަނޑާ ނުލެވޭނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ސަލާމަތީ ބާރުތަކުގެ ހިމާޔަތުގައި އަޑުއުފުލާފައިވަނީ ފުލުހުންގެ ޑިޕާޓްމަންޓުތަކުގެ އިސް ބައެއް ބޭފުޅުންގެ ވަޒީފާ ގެއްލިފައިވާ ކަމަށް މީޑިޔާގައި އަޑުފެތުރެމުން ދަނިކޮށެވެ.
ރައީސް ނަޝީދުގެ ޓުވީޓުގައި ރައީސް ޔާމީނަށް ފާޑުވިދާޅުވަމުން ބުނެފައިވަނީ މިއަދު ރާއްޖޭގެ ސަލާމަތީ ބާރުތަކަކީ ސިފައިން އުފެދިގެން އައި "ދީދި ފައްޗެއް" ނޫން ކަމަށާއި ރައީސް ޔާމީނަށް ފުލުހުންނާއި ސިފައިން، ގަވާއިދުތަކުގެ ބޭރުން ކަނޑާނުލެވޭނެ ކަމަށެވެ.
އެގޮތުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ފުލުހުންގެ ވަޒީފާ އިން ވަކިކުރަން އެ އިދާރާގެ ޑިސިޕްލިނަރީ ބޯޑުން ވަނީ ނިންމާފައެވެ.
ރިޔާޒްގެ އިތުރުންވެސް ފުލުހުންގެ ބައެއް އިސް އޮފިސަރުންގެ މައްސަލަ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ބަލަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ފުލުހުން ވަނީ އެއިން އެއްވެސް މައްސަލައަކާ ބެހޭ މައުލޫމާތެއް ހިއްސާ ނުކުރެވޭނެ ކަމަށް އަންގާފައެވެ.
ނަޝީދުގެ މިތުހުމަތުތަކަށް ރައީސް ޔާމީން އަދި ރައީސް އޮފީހުންވެސް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.