Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ރޮހިންޔާ މުސްލިމުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އެއްވުމެއް

ރޮހިންޔާ މުސްލިމުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ބޭރު ގައުމެއްގައި އިހުތިޖާޖު ކުރަނީ-

ރޮހިންޔާގެ މުސްލިމުންނަށް ކުރާ ލާއިންސާނީ އަނިޔާ ކުށްވެރިކޮށް އެކަމާ ދިވެހި ރާއްޖެއިން ދެކޮޅުކަން ދުނިޔެއަށް އަންގައިދިނުމަށް މުޅި ރާއްޖޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައިފި އެވެ.

ޖުމުލަ 39 ނޮން-ގަވަމެންޓް އޯގަނައިޒޭޝަންތަކުން ގުޅިގެން ބާއްވާ މި ބޮޑު އެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވާ ހުކުރު ދުވަހުގައެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި އެއްވުން އިންތިޒާމްކޮށް މުސްލިމުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ގޮވާލާ ސުލްހަވެރި މުޒާހަރާގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އިންތިޒާމު ކުރާ ފަރާތްތަކުން ވަނީ އެދިފައެވެ.

އެއްވުން އިންތިޒާމް ކުރާ ފަރާތްތަކުގެ ތެރެއިން މީޑިޔާއަށް މައުލޫމާތު ދެމުން މިކަމުގައި އިސްކޮށް ހުންނެވި އާދަމް ނާއިފް ވަނީ މިއެއްވުމަކީ އެއްވެސް ކަހަލަ ހަމަނުޖެހުމަކަށް މަގުފަހިކުރާ އެއްވުމެއް ނޫން ކަމަށެވެ. އަދި ގާނޫނާއި ޚިލާފު އެއްވެސް ކަމެއް އެއްވުމުގައި އިންތިޒާމު ނުކުރާ ކަމަށާއި އެއްވުމަކީ މުސްލިމް އަޚުންނާއެކު ދިވެހިން ތިބިކަން އަންގައިދިނުމަށް ބާއްވާ އެއްވުމެއް ކަމަށެވެ.

އަދި މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގެ މުސްލިމުންނާ ދޭތެރޭ އަމަލުކުރާ ގޮތް ކުށްވެރިކޮށް، ބައިނަލްއަގުވާމީ ދުނިޔެއިން މިޔަންމާ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް ބާރުއަޅައި ގޮވާލުމަށްވެސް މިއެއްވުމުގައި ހަމަޖެހިފައިވެއެވެ.