ގިނަ އަދަދެއްގެ ޤާނޫނީ ވަކީލުން ސަސްޕެންޑް ކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން (ޑީޖޭއޭ) އިން ނިންމުމާއި ގުޅިގެން އެކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ފާޑުވިދާޅުވެއްޖެއެވެ.
ސަސްޕެންޑް ކުރި ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަލީ ޒާހިރު ވިދާޅުވީ، ވަކީލުން ސަސްޕެންޑް ކުރުމުން ޝަރުޢީ ދާއިރާގެ ޙާލަތު ފެނިއްޖެ ކަމަށެވެ. އެހެން ކަމުން ޤާނޫނު އަސާސީ އޭ ވިދާޅުވެ މަލާމާތް ކުރަން ލަދު ނުގަނޭތޯ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.
"ތިޔަ ޖުޑިޝިއަރީގެ ހާލަތު ތި ފެންނަނީ. ޤާނޫނު އަސާސީއޭ ކިޔާ މަލާމާތް ކުރަން ލަދު ނުގަނޭތޯ؟ 2 މީހެއްގެ ނުފޫޒުގައި ޤާނޫނު އަސާސީ ވީދައިގެން ކަނީ." ޑީޖޭއޭގެ ނޫސް ބަޔާނަށް ރައްދު ދެއްވައި އަލީ ޒާހިރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އަލީ ޒާހިރު ވިދާޅުވި ގޮތުގައި ޝަރުޢީ ދާއިރާއިން "2 މީހެއްގެ ހައްގުގައި ގާނޫނު އަސާސީ ވީދައިގެން ކަނީ" ކަމަށެވެ. އެހެން ނަމަވެސް އެ 2 މީހުންނަކީ ކޮބައިކަމެއް އަލީ ޒާހިރު ވިދާޅުވެފައެއް ނުވެއެވެ.
Thiya judiciary ge haalathu thi fennani. QA ey Qanooney kiyaa malamaai kuran ladhey nuganeytho? 2meehehgge nufoozuga QA veedhaigen kani. ? https://t.co/zYDk74JYL9
— Ali Zahir (alipi) (@alixahir) September 10, 2017
ޑީޖޭއޭ އިން 54 ވަކީލަކު ސަސްޕެންޑް ކޮށްފައި ވަނީ ސުޕްރީމް ކޯޓު ދޮށަށް އެއްވެ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ހުރުމަތް ކެނޑިކަމަށް ބުނާ މައްސަލައެއް ބަލައި ނިމެންދެން ކަމަށް ބުނެއެވެ.
އެހެން ނަމަވެސް ސަސްޕެންޑް ކުރި ވަކީލުންގެ ތެރޭގައި ސުޕްރީމް ކޯޓު ދޮށަށް އެއްވެފައި ނުވާ ވަކީލުން ވެސް ހިމެނެއެވެ.